14 Dec 2017, 20:29
އާސަންދަގެ ޚިދުމަތް ދިނުމާ ބެހޭ އުސޫލިތަކާ ޚިލާފަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އަމަލުކުރާ ކަމަށް ބުނެ އެއްވެސް މައްސަލައެއް ރަސްމީކޮށް އާސަންދަ ކުންފުންޏަށް ހުށަހަޅާފައިނުވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އާސަންދައިގެ އުސޫލުތަކުން ބޭރުން އަގުބޮޑުކޮށް ޚިދުމަތްތަކަށް ކުޅުދުއްފުށީ ހޮސްޕިޓަލުން އަގު ނަގަމުންދާ ކަމަށް ބުނެ ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގާ ނޫރުލް އިސްލާމް އިންޓަނޭޝަނަލްގެ ޑިރެކްޓަރު އުސައިދު އަލީ ބައެއް މީޑީއާ ތަކުގައި ކޮށްފައިވާ ތުހުމަތާ ގުޅޭގޮތުން އާސަންދައިގެ މީޑިއާ އޮފިސަރު އާޝިއާ ސާލިހު މިއަދު "ސަން" އަށް ވިދާޅުވީ އެފަދަ އެއްވެސް ޝަކުވާ އެއް ރަސްމީކޮށް ހުށަހަޅާފައިނުވާ ކަމަށެވެ.
"އެފަދަ އެއްވެސް ޝަކުވާއެއް ރަސްމީކޮށް ހުށަހަޅާފައެއްނުވޭ،" އާޝިއާ ވިދާޅުވިއެވެ.
ބައެއް މީޑިއާ ތަކުގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގާ ނޫރުލް އިސްލާމް އިންޓަނޭޝަނަލްގެ ޑިރެކްޓަރު އުސައިދު ވިދާޅުވެފައިވަނީ އެ ހޮސްޕިޓަލުންދޭ ޚިދުމަތުން އޮޅުވާލައިގެން ބޮޑު އަގުނަގަމުންދަނީ އެ ކުންފުނީގެ މައި ކުންފުނި ކަމަށްވާ އިންޑިއާގެ ނޫރުލް އިސްލާމިކް ޓްރަސްޓް ފަންޑްގެ ބައެއް އިސްވެރިންގެ އޯޑަރަށް ކަމަށެވެ. އަދި އެކަން ހެލްތް މިނިސްޓްރީއާ އާސަންދައިގެ ސަމާލުކަމަށްވެސް ގެނެސްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ހެލްތް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކްޓިވް މުހައްމަދު މާހިރު ވިދާޅުވީ އެފަދަ މައްސަލައެއް އެ މިނިސްޓްރީއަށް ރަސްމީކޮށް ހުށަހަޅާފައިނުވާ ކަމަށާއި އަދި އެފަދަ މައްސަލަތައް ހުށަހަޅަންވެސް ޖެހޭނީ އާސަންދައަށް ކަމަށެވެ.
"އާސަންދައާ އެބޭފުޅުންނާ ދެމެދު އޮންނަ ކަމެއް އެއީ. އާސަންދައިގެ އެއްވެސް މައްސަލައެއް ހުށަހަޅައިފިނަމަ އެ މައްސަލަ ބަލާނީ އާސަންދައިން. އަދި އަޅުގަނޑުމެންނަށް ނެތް ތިކަހަލަ މައްސަލައެއް އުޅޭ ކަމަށް އާސަންދައިން ރިޕޯޓްކޮށްފައެއް،" މާހިރު ވިދާޅުވިއެވެ.
އާސަންދަ މެދުވެރިކޮށް ޚިދުމަތްތަކަށް އަގުބޮޑުކޮށް ފައިސާ ހޯދޭނެ އެއްވެސް ގޮތެއްއޮތްތޯ "ސަން" އިން ސުވާލުކުރުމުން އާސަންދައިގެ މީޑިއާ އޮފިސަރު ވިދާޅުވީ އާސަންދައިގެ އުސޫލުން ބޭރުން އެއްވެސް ބިލެއް ފޮނުވިއަސް އެއަށް ފައިސާ ނުދޭނެ ކަމަށާއި ކޮންމެ ހޮސްޕިޓަލަކަށްވެސް ފައިސާ ދޫކުރާނީ ބިލްތައް ރަނގަޅަށް ބެލުމަށްފަހު އެ ބިލަކީ އާސަންދައިގެ އުސޫލަށް ފެތޭ ބިލެއް ކަމަށްވަންޏާ ކަމަށެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުމާ ހަވާލުވެފައިވާ އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް އެ ހޮސްޕިޓަލް ހިންގުމުގައި އިދާރީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ އެކަމުގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ދައްޗެއް ކުރިމަތިނުވާނެކަން ކަށަވަރު ކުރުމަށް އެ ހޮސްޕިޓަލުން ދޭން ޖެހޭ ޚިދުމަތްތައް ދިނުމަށް ވަގުތީ ގޮތުން ހެލްތު މިނިސްޓްރީން ވަނީ މިއަދު ހަވާލުވެފައެވެ.