ރިޔާޟް(13 ޑިސެމްބަރު): ކޮރަޕްޝަނާ ދެކޮޅަށް ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ދަށުން ހައްޔަރުކޮށްފައިވާ ސައުދީ ޕްރިންސް ވަލީދު ބިން ތަލާލްގެ މިލްކިއްޔާތުން އެތަކެއް ބިލިއަން ޑޮލަރު ގެއްލިއްޖެކަމަށް ފައިނޭންޝަލް ޓައިމްސްއިން ބުނެފި އެވެ.

ފައިނޭންޝަލް ޓައިމްސްއިން ބުނީ ވަލީދު ބަންދުގައި ހުންނެވުމުން އޭނާގެ އެންމެ ބޮޑު ކުންފުނި ކިންގްޑަމް ހޯލްޑިންގް ކޮމްޕެނީ (ކޭއެޗްސީ)އަށް ދަނީ ބިލިއަނުން ގެއްލުންވަމުން ކަމަށެވެ. އަދި ފޯބްސްއާ ހަވާލާދީ ބުނީ ކޭއެޗްސީގެ މިލްކިއްޔާތު 8.5 ބިލިއަނަށް ވެއްޓިފައިވާ ކަމަށެެވެ.

ކޭއެޗްސީގެ ސީއީއޯ ތަލާލް އަލް މައިމާން ވަނީ ފައިނޭންޝަލް ޓައިމްސްގެ ވާހަކަތައް ދޮގުކޮށްފަ އެވެ. އޭނާ ވިދާޅުވީ، ކުންފުނީގެ މިލްކިިޔާތުގައި މިހާރު ވެސް 12.5 ބިލިއަން ޑޮލަރު އެބަހުރިކަމަށާއި އަދި ކުންފުނީގެ މާލީހާލަތު އޮތީ ރަނގަޅަށް ކަމަށެވެ.

ފައިނޭންޝަލް ޓައިމްސް އިން ބުނީ ކޭއެޗްސީއިން އެވާހަކަތައް ދޮގުކުރި ކަމުގައި ވިޔަސް، ބޮޑެތި ބޭންކުތަކުން ވެސް އެފަދައިން ބުނެފައިވާ ކަމަށެވެ.

ޕްރިންސް ވަލީދު ހައްޔަރުކުރުމަށް ފަހު އޭނާގެ ކުރިމަގާ މެދު ސުވާލުއުފެދިފައި ވުމުގެ ސަބަބުން ސައުދީއާއި އަދި ބައިނަލަގްވާމީ ލޯނުތައްދޭ ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފަ އެވެ. އެގޮތުން ކޭއެޗްސީން ސައުދީގެ ފްރެންސީ ބޭންކުގެ ހިއްސާ ގަތުމަށް ނަގަން ހަމަޖެހިފައި އޮތް އެއް ބިލިއަން ޑޮލަރުގެ ލޯނުވެސް ވަނީ މަޑުޖައްސަައިލައިފަ އެވެ.

ކޮރަޕްޝަނުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ސައުދީ ބައެއް ޕްރިންސުން ވަނީ ފައިސާގެ ބޮޑެތި އަދަދަތަކުން ލާރި ދެއްކުމުން ދޫކޮށްލައިފަ އެވެ. އެގޮތުން ހައްޔަރުކުރި މީހުންގެ އަތުން 800 ބިލިއަން ޑޮލަރު ސައުދީގެ ސަރުކާރަށް ނަގާނެ ކަމަށް ބައެއް މުރާސިލުން ބުނެ އެވެ. ނަަމަވެސް ގިނަ މުރާސިލުން ބުނާ ގޮތުގައި ސައުދީއަށް އެންމެ ގިނައިން ނެގޭނީ 100 ބިލިއަން ޑޮލަރު އަދަދެކެވެ. މިއީ ސައުދީގެ ދަރަންޏާ އެއްވަރުގެ އަދަދެކެވެ.

މަސްދަރު : އާރުޓީ