ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަށް އަންހެނުންގެ ޚާއްސަ ޑޮކްޓަރެއް ހެލްތް މިނިސްޓްރީން ފޮނުވައިފިއެވެ.

އެ ހޮސްޕިޓަލަށް ފޮނުވާފައިވަނީ ހއ. ދިއްދޫގައި ހުރި އަންހެނުންގެ ޚާއްސަ ދެ ޑޮކްޓަރުންގެ ތެރެއިން އެކަކު ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ހެލްތް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކްޓިވް މުހައްމަދު މާހިރު މިއަދު "ސަން" އަށް ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލަކީ މާލޭގައި ހުންނަ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ފިޔަވައި އެންމެ ގިނަ މީހުން ބޭނުންކުރާ ސަރުކާރު ހޮސްޕިޓަލް ކަމަށާއި އެ ހޮސްޕިޓަލުން އެއްވެސް ޚިދުމަތެއް ނުދެވުމަކީ ސިއްހީ ނިޒާމަށް ލިބޭނެ ގެއްލުމެއް ކަމަށެވެ. އެހެން ކަމުން އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ މީހުންނަށް ފަސޭހަ ކޮށްދިނުމަށް މިހާރު އަންހެނުންގެ ޚާއްސަ ޑޮކްޓަރެއް ފޮނުވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރުވެސް ހުންނާނެ އަންހެނުންނަށް ޚާއްސަ އެއް ޑޮކްޓަރެއް އެތަނުގައި. ނަމަވެސް ޚިދުމަތް އަވަސް ކުރުމަށް މިހާރު އިތުރު ޑޮކްޓަރެއް މި ފޮނުވީ،" މާހިރު ވިދާޅުވިއެވެ.

މާހިރު ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ޑޮކްޓަރުންގެ ދަތިތައް ކުރިމަތިވެފައިވާތީ ޗުއްޓީގައި ހުރި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުވެސް މިހާރު ޑިއުޓީއަށް ނެރެފައިވާ ކަަމަށެވެ. އަދި އިތުރު ދެ މެޑިކަލް އޮފިސަރުންވެސް އެ ރަށަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެންމެ ބޮޑަށް ދަތިވީ މެޑިކަލް އޮފިސަރުން ނެތީމަ. މިހާރު ވަނީ މެޑިކަލް އޮފިސަރުންވެސް ފޮނުވާފައި. މިވަގުތު ޑިއުޓީ ކުރާނެ ހަތަަރު މެޑިކަލް އޮފިސަރުން އެ ހޮސްޕިޓަލްގައި،" މާހިރު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމާ ހަވާލުވެފައިވާ އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް އެ ހޮސްޕިޓަލް ހިންގުމުގައި އިދާރީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ އެކަމުގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ދައްޗެއް ކުރިމަތިނުވާނެ ކަން ކަށަވަރު ކުރުމަށް އެ ހޮސްޕިޓަލުން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް، ހެލްތް މިނިސްޓްރީން މިހާރުވަނީ ހަވާލުވެފައެވެ.