ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުމާއި ހަވާލުވެފައިވާ އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް އެ ހޮސްޕިޓަލް ހިންގުމުގައި އިދާރީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ އެކަމުގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ދައްޗެއް ކުރިމަތިނުވާނެ ކަން ކަށަވަރު ކުރުމަށް އެ ހޮސްޕިޓަލުން ދެން ޖެހޭ ހިދުމަތްތައް ދިނުމަށް، ހެލްތް މިނިސްޓްރީން ހަވާލުވެއްޖެއެވެ.

ހެލްތް މިނިސްޓްރީން އެ މަސައްކަތް ހަވާކުކޮށްފައިވަނީ ކުޅުދުއްފުށީގައި ހުންނަ އެ މިނިސްޓްރީގެ ހެލްތް ސާވިސް އޮފީހާއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަހަކަށް އައިސް ކުޅުދުއްފުށީ ހޮސްޕިުޓަލުގެ ހިދުމަތަށް ބުރޫ އަރާފައިވަނީ އެ ހޮސްޕިޓަލް ހިންގާ އިންޑިއާގެ ކުންފުންޏާއި ދިވެހި ކުންފުންޏާ ދެމެދު އުފެދިފައިވާ ދެބަސް ވުމެއްގެ ސަބަބުންނެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް ހެލްތް މިނިސްޓްރީން އެ ކުންފުންޏާ އެކު މަޝްވަރާ ކުރަމުންދާކަން ވެސް ވަނީ އެނގިފައެވެ.

ހެލްތް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކްޓިވް މުހައްމަދު މާހިރު ވިދާޅުވީ، ކުޅުދުއްފުށީ ހޮސްޕިޓަލާ ގުޅޭ ޝަކުވާތެކެއް އެ މިނިސްޓްރީއަށް ތަކުރާރުކޮށް ލިބެމުންދިޔުމުގެ ސަބަބުން އެ މިނިސްޓްރީން އެ ކަަމަށް ހަރުދަނާ ފިޔަވަޅެއް އެޅުމުގެ ގޮތުން އެކަން ހާއްސަ އިސްކަމެއް ދީގެން ބަލަމުންދާ ކަަމަށެވެ.

މާހިރު ވިދާޅުވީ، އެ މައްސަލަތައް ހައްލު ކުރެވެންދެން އެ ހޮސްޕިޓަލަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެމުން ދާނީ މިނިސްޓްރީން ކަމަށެވެ. އެގޮތުން އެ ހޮސްޕިޓަލަށް ބޭނުންވާ ބައެއް ޑޮކްޓަރުން މިހާރުވެސް މިނިސްޓްރީން ފޮނުވާފައިވާ ކަަމަށާއި އަދި އެ ހޮސްޕިޓަލަށް ބޭނުންވާ ހިދުމަތްތައްވެސް ވަގުތުން ވަގުތަށް ފޯރުކޮށްދެމުންދާ ކަމަށެވެ.

" ކުޅުދުއްފުށީގައި ހުންނަ މިނިސްޓްރީގެ އޮފީހަށް މިހާރު އަންގާފައިވަނީ ރައްޔިތުންނަށް ބޭނުންވާ އެއްވެސް ހިދުމަތަކަށް ބުރޫ ނާރާނެހެން ހިދުމަތްތައް ފޯރުކޮށްދިނުމަށް. އަދި ވަރަށް ގާތުން މިނިސްޓްރީން އެތަނުގެ ހާލަތު ބަަލަމުން މިދަނީ،" މާހިރު ވިދާޅުވިއެވެ.

މާހިރު ވިދާޅުވީ، ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމުގައި ދިމާވެފައިވާ ދަތިތައް ވަރަށް އަވަހަށް ހައްލުވެގެންދާނެ ކަމަށާއި އަދި އެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަަމަށެވެ. އަދި ވިދާޅުވީ މިހާރުވެސް އެ ހޮސްޕިޓަލުން ލިބެންޖެހޭ އެއްވެސް ހިދުމަތަކަށް ހުރަހެއް ކުރިމަތި ނުވާނެ ކަަމަށާއި މިހާރުވެސް ބަރާބަރަށް ހިދުމަތް ދެމުންދާ ކަަމަށެވެ.