ދެވަނަ ފުރުސަތެއް ދިނުމުގެ ނަމުގައި 400އެއްހާ ގައިދީން މިނިވަން ކުރަން ނިންމާފައިވާ ނިންމުމަކީ ސަރުކާރު ހިންގާ އެމްޑީޕީގެ ސިޔާސީ އެދުންތަކެއް ފުއްދުމަށްޓަކައި ސަރުކާރުން ހިންގާ ވަރަށް ނުރައްކާތެރި އަމަލެއް ކަމަށް ބުނެ، އަދާލަތު ޕާޓީން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

އެޕާޓީން މިއަދު ނެރުނު ބަޔާނުގައި، ކުށްވެރިން މިނިވަން ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ސިފަކޮށްފައިވަނީ "ސިޔާސީ ކުޅިގަނޑެއްގެ" ގޮތުގައި އެވެ.

"ފޭރުމާއި، ވައްކަން ކުރުމާއި، މާރާމާރީއާއި މީހުން މެރުން ފަދަ ކަންކަން އިތުރުވެ މުޖުތަމައުގެ އަމަން އަމާންކަން ގެއްލިފައިވަނިކޮށް، އެތައް ސަތޭކަ ކުށްވެރީންނެއް ރަށުތެރެއަށް ދޫކުރުމަށްޓަކައި ސަރުކާރުން މިހިންގާ ސިޔާސީ ކުޅިގަޑަކީ ސަރުކާރު ހިންގާ ޕާޓީއިން ސިޔާސީ އެދުންތަކެއް ފުއްދުމަށްޓަކައި ހިންގާ ވަރަށް ނުރައްކާތެރި އަމަލެއްކަމުގައި އަދާލަތު ޕާޓީއިން ދެކެމެވެ،" އަދާލަތުގެ ނޫސްބަޔާނުގައި ބުނެ އެވެ.

އަދި ފާއިތުވި ތިރީސް އަހަރު ތެރޭވެސް ރައްޔިތުންނަށް ފެނިގެންގޮސްފައިވަނީ، ކޮންމެ އިންތިހާބަކާއި ދިމާކޮށް އަފޫއާންމުގެ ނަމުގައި ކުށްވެރިންތައް މިނިވަން ކުރަމުންދިޔަ މަންޒަރު ކަމަށާއި މިހާރުވެސް ފެންނަނީ ދެވަނަ ފުރުސަތުގެ ނަމުގައި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަމުންދާ މަންޒަރު ކަމަށް ވެސް އެޕާޓީން ބުނެ އެވެ. އަދި އޭގެ ސަބަބުން މުޖުތަމައު މިހާރަށް ވުރެ ބޮޑަށް ނަމާންވެ ރައްޔިތުން ބިރުވެރިކަން މަތީ ދިރިއުޅެންޖެހުން އެއީ ރައްޔިތުން އުންމީދުކުރި ގޮތާއި ދިމާ އިދިކޮޅު ކަމެއް ކަމުގައިވެސް އަދާލަތުން ބުނެފައިވެ އެވެ.

އަދި ސަރުކާރުގެ އެ ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށް، އަދާލަތުން ބުނެފައިވަނީ، ޖަލުތަކުގައި ހައްޔަރު ކުރެވިފައިވާ ގައިދީންނަކީ މުޖުތަމައަށް ފައިދާ ހުރި ބަޔަކަށް ގާނޫނީ ހަމަތަކާއި އެއްގޮތްވާގޮތުގެ މަތީން ހެދުމަކީ އަދާލަތުން ތަރުހީބުދޭ ކަމެއް ނަމަވެސް، އެކަން މިނިވަންކަމާއި ޒިންމާދާރު ކަމާއި އެކު ކުރުމަށްޓަކައި އުފައްދާފައިވާ ޕެރޯލް ބޯޑުގެ ދައުރެއްނެތި، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން ވާ ބާރުގެ ދަށުން ގިނަ އަދަދެއްގެ ކުށްވެރިން މުޖުތަމައުމުގެ ތެރެއަށް ދޫކޮށްލުމަކީ މުޖުތަމައުގެ ސަލާމަތާއި އަމަންއަމާންކަން ގެއްލިގެން ހިގައިދާނެކަމެއް ކަމުގައި އެޕާޓީން ދެކޭ ކަމަށެވެ.

"ސަރުކާރުގެ ޢަމަލުތައް ހުރިގޮތުން ސިފަވެގެންދަނީ، 400 އެއްހާ ކުށްވެރިން މުޖުތަމަޢަށް ދޫކޮށްލަން ނިންމަވާފައިވާ ނިންމެވުމަކީ، ސިޔާސީ ބޭނުންތަކެއް ފުއްދުމުގެ ނިޔަތުގައި ނިންމަވާފައިވާ، ޒަމާނީ ޑިމޮކްރަސީގެ ހަމަތަކަށް ބަލާއިރު ވަރަށް ދޯހަޅި ކަމެއްގެ ގޮތުގައެވެ. އާންމު ރައްޔިތުންނާއި މުޖުތަމައުގެ ހައްގުތަކާއި ރައްކާތެރިކަން އެއްފަރާތް ކުރާ ހާލު ކުށްވެރިންނަށް މިފަދަ އިނާޔަތެއް ދިނުން އެއީ އިންސާނީ ހައްގުތަކާއި އަރާރުންވާ ކަމެއްކަމުގައި އަދާލަތު ޕާޓީއިން ދެކެމެވެ،" އަދާލަތުގެ ބަޔާނުގައި ބުނެ އެވެ.

އަދި މިނިވަންކުރާ ގިނަ ގައިދީންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރެވިފައިވާ ކުށްވެރިންކަން ފާހަގަކޮށް، އެޕާޓީން ބުނެފައިވަނީ އެފަދަ ކުށްވެރިންތަކެއް މުޖުތަމައަށް ދޫކުރާއިރު މަސްތުވާތަކެތީގެ ޝިކާރައިގައި ޖެހިފައިވާ މީހުންނަށްް ދޭންޖެހޭ ރަނގަޅުފަރުވާ ގިނަ އަދަދެއްގެ މީހުންނަށް ދެވޭނެ ވަސީލަތްތައް ގާއިމުވެފައި ނުވާ ކަމަށެވެ. އަދި އެ ކުށްވެރިންނަށް ވަޒީފާ ކަށަވަރުކޮށްދީ، ނިދައި، ކައިބޮއެ ހަދާނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައި ދިންކަމުގައި ވީނަމަވެސް، އެކަށީގެންވާ ރިހެބިލިޓޭޝަން ފަރުވާ އާއި ޕްރޮގްރާމްތައް ނުހިންގޭކަމުގައިވާނަމަ، ރަނގަޅު ނަތީޖާއެއް ނުފެންނާނެކަން ކަމުގައި ވެސް އެޕާޓީން ބުނެ އެވެ.

ސަރުކާރުން ޒިންމާދާރުގޮތެއްގައި ގައިދީން މުޖުތަމައަށް ނެރެން ބޭނުންނަމަ، މިހާރު މިކަމަށް ކުރެވެމުންދާ ހަރަދަށްވުރެ ކުޑަ ހަރަދެއް ކޮށްގެން، ޖަލުތަކުގެ ފެންވަރު ރަގަޅުކޮށް، ޖަލުތެރޭގައި ރަނގަޅު ރިހެބިލިޓޭޝަން ޕްރޮގްރާމްތަކެއް ހިންގައި، ގައިދީން މުޖުތަމައަށް ނިކުތުމަށް ތައްޔާރު ކުރެވިދާނެކަމަށް އަދާލަތު ޕާޓީއިން ބުނެ އެވެ.

އަދި މިހާރު ޖަލުތަކުގެ ހާލަތަށް ބަލާއިރު ޖަލުން މަސްތުވާތަކެތި ބޭނުން ވަރަކަށް ލިބެން ހުންނަ ވާހަކައާއި، އެ ބޭނުންކުރާ ވާހަކައަކީ އެންމެހާ ރައްޔިތުންނަށް އެގޭ ހަގީގަތެއް ކަމަށާއި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ ބަޔަކު، އެމީހުން ޖަލުން ދޫކޮށްލެވޭ ހިނދު، މަސްތުވާ އެއްޗަކަށް ޕޮޒިޓިވް ނުވެއްޖެނަމަ، ދޫކޮށްލެވޭގޮތަށް ހަމަޖައްސާފައިވާ ވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްކަމުގައި ވެސް އެޕާޓީން ބުނެ އެވެ.

"ޖަލުގައި ތިބޭ ގައިދީން މަސްތުވާ ތަކެއްޗަށް ޕޮޒިޓިވް ވުމަކީ ޖަލުތައް ނުބެލެހެއްޓޭ ކަމުގެ ދަލީލެކެވެ." އެ ބަޔާނުގައި ބުނެ އެވެ.

ސަރުކާރުން މިނިވަން ކުރާ ކުށްވެރިންގެ ގްރޫޕްގައި ހިމެނޭ 21 މީހަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވުމާ ގުޅިގެން އެމީހުން މިނިވަންކުރުން ވަނީ ފަސްކޮށްފަ އެވެ. ފުރަތަމަ ގްރޫޕް މިނިވަންކުރާނީ މިހަފްތާ ތެރޭގައި ކަމަށް ސަރުކާރުން ބުނެ އެވެ.