ގުދުސަކީ ފަލަސްތީނުގެ ވެރިރަށް ކަމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކައުންސިލް (އޯއައިސީ)ން ކަނޑައެޅިކަމުގައި ވިޔަސް، އެކަމާމެދު ފަރުވާލެއް ނެތް ކަމަށް އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

އޯއައިސީން އިއްޔެ ތުރުކީގެ އިސްތަންބޫލުގައި ބޭއްވި ސަމިޓުގައި ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ގުދުސް ކަނޑައަޅައިފައިވާތީ، އެކަމަށް ރައްދު ދެއްވައި ނަތަންޔާހޫ ވިދާޅުވީ، ގުދުސް އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި ގިނަ ގައުމުތަކުން ކުރިއަށްއޮތްތަނުގައި ބަލައިގަނެ އެމްބަސީތައް ގުދުސަށް ބަދަލުކުރާނެ ކަމަށެވެ.

ނަތަންޔާހޫ ވިދާޅުވީ، ގުދުސް އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅިކަމުގައި ވިޔަސް ހުރިހާ ދީނެއްގެ މީހުންނަށް ވެސް ދީނީ އަޅުކަންއަދާކުރުމުގައި ދައްޗެެއް ނުފޯރާނެ ކަމަށެވެ.

ތުރުކީގައި އިސްލާމީ ގައުމުތަކުން ބޭއްވި ސަމިޓުގައި އިސްލާމީ ގައުމުތަކުން ވަނީ އެގައުމުތަކަކޭ އެއްފަދައިން ބައިނަލަގްވާމީ ގައުމުތަކުންވެސް އެމެރިކާގެ ނިންމުމާ ދެކޮޅަށް ތެދުވުމަށް ގޮވައިލައިފައެވެ. އަދި އެމެރިކާގެ އެ ނިންމުމަކީ ބައިނަލަގްވާމީ ގާނޫނުތަކާ ހިލާފުކަމެއް ކަމަށް ވެސް އެ ގައުމުތަކުން ބުންޏެވެ.

އިސްރާއިލުން ފަލަސްތީނު އިސްތިއުމާރު ކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށްވެސް އެ ބައްދަލުވުމުގައި ވަނީ ގޮވާލައިފައެވެ. އިސްރާއިލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލު ކުރުމަށްފަހު ދެން ނިކުމެދާނެ ނަތީޖާއެއްގެ ޒިންމާ ނަގަންޖެހޭނީ ޓްރަމްޕްގެ ސަރުކާރުން ކަމަށްވެސް އޯއައިސީގެ ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ.

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވީ، ފަަލަސްތީނާ އިސްރާއިލާ ދެމެދު ސުލްހަ ގާއިމުކުރުމަށް ކުރާ މަސައްކަތުގައި އެމެރިކާގެ އެއްވެސް "ހައިސިއްޔަތެއް މިހާރު ނޯންނާނެ" ކަމަށާއި އެމަސައްކަތުން އެމެރިކާ އަމިއްލައަށް ބަރީއަ ވެފައިވާކަަމަށެވެ.

އިސްރާއިލުގެ ވެރި ރަށަކީ ގުދުސްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަނޑައެޅުއްވީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. ޓްރަމްޕްގެ ނިންމެވުމާ ގުޅިގެން ގިނަ ބަަޔަކު ދަނީ އެކަމާ މެދު ނުރުހުން ފާޅުކުރަމުންނެވެ.