14 Dec 2017, 15:16
ތައިލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން – ރެޒިޑެންޓް ސަފީރު، ހާ އެކްސެލެންސީ މިސިޒް ޗުލާމަނީ ޝާޓްސުވޭން، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމަށް އަރުއްވައިފި އެވެ.
އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވާފައި ވަނި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގަ އެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ތައިލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި އެކަމަނާ އަށް ތަޙުނިޔާ ވިދާޅުވެ މަރުޚަބާ ދެންނަވާފައިވާ ކަމަށެވެ. އަދި އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތައިލެންޑްގެ ރަސްގެފާނު މަހާ ވަޖިރަލޮންގްކޯރަނަށާއި ބޮޑުވަޒީރު ޕްރަޔުތު ޗާން އޮޗާއަށް ހެޔޮ އެދުންތައް އަރިސްކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުވުމުގައި ރައީސުޖްޖުމްހޫރިއްޔާ ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނީ، ތައިލެންޑްގެ އިންވެސްޓްމެންޓްތައް ރާއްޖޭގައި އިތުރު ކުރެއްވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
ތައިލެންޑްގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ތައިލެންޑްގެ އިންވެސްޓްމެންޓްތައް ރާއްޖޭގައި އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށް ޓަކައި ޝުކުރު އަދާކުރައްވައި އެކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އެރުވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.