ވ. ފުލިދޫ ކައުންސިލްގެ ތިޖޫރީގެ ތަޅުދަނޑި ކައުންސިލުގެ ރައީސާ ހަވާލުކުރުމަށް ފުލިދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ އަށް އަންގައި ގަރާރެއް އެ ކައުންސިލުން އިއްޔެ ފާސްކޮށްފި އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލުން އިއްޔެ ފާސްކުރި ގަރާރުގައި ބުނެފައި ވަނީ ކައުންސިލްގެ އިދާރާގެ ތަޅުދަނޑި ދިނުމަށް ފުލިދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ އިބްރާހިމް ޝަރީފަށް އަނގަބަހުންނާ އަދި ލިޔުމުން ވެސް ތަކުރާރުކޮށް އެންގި ނަމަވެސް އޭނާ އެ ކަމަށް އިޖާބަދީފައިނުވާ ކަމަށާއި ގާނޫނުގެ ދަށުން ފައިސާގެ މުއާމަލާތްތައް ކުރަން ޖެހޭނީ ކައުންސިލްގެ ރައީސް ކަނޑައަޅާ މީހެއް ކަމަށެވެ.

"މިއިދާރާގެ ޒިންމާދާރު ވެރިޔާ އިބްރާހިމް ޝަރީފު ގާނޫނާއި ގަވާއިދާ ހިލާފަށް ކުރައްވާ އަމަލަކަށް ވާތީވެ، މިހިނދުން މިނހިދަށް މިއިދާރާގެ ތިޖޫރީގެ ތަޅުދަނޑި މިއިދާރާގެ ފައިސާގެ އެންމެ އިސްވެރިޔާ ކައުންސިލްގެ ރައީސް ބުޝްރީ މޫސާ އާ ހަވާލުކޮށްދެއްވުން ލާޒިމްކޮށް މިގަރާރު ފާސްކުރީމެވެ،" އެ ގަރާރުގައިވެ އެވެ.

ކައުންސިލްގެ ރައީސް ބުޝްރީ މޫސާ މިއަދު ވިދާޅުވީ ޝަރީފުގެ އަމަލުގެ ސަބަބުން ކައުންސިލްގެ އިދާރާގެ ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ތިޖޫރިއަށް ނުލެވި ކައުންސިލްގެ މޭޒުގެ ވަތްގަނޑުގަޔާއި އަދި ކައުންސިލަރުންގެ އަތުގައި އެބަހުރި ކަމަށާއި އެ ފައިސާ ޖަމާކުރުމަށް ތަޅުދަނޑި ދިނުމަށް ޝަރީފް އިންކާރު ކަރައްވާ ކަމަށެވެ.

"ގާތްގަނޑަކަށް ކައުންސިލަރުން އަތުގައި އެބައުޅޭ އިންޖީނުގެއިން ލިބިފައި ހުރި ދެ ލައްކަ ވަރަކަށް ރުފިޔާ. އަދި ކައުންސިލް އިދާރައިގައި ތިޖޫރިއަށް ނުލެވި އެބައުޅޭ އެކި ގޮތްގޮތުން ލިބިފައި ހުރި އެއް ލައްކަ ވަރަކަށް ރުފިޔާ. އެ ފައިސާ ޖަމާކުރަން ތަޅުދަނޑި ދޭށޭ ބުނީމާ ޝަރީފް އެކަމަށް އިޖާބައެއް ނުދެއްވާ. އެހެންވެ އަޅުގަނޑުމެންގެ ކައުންސިލްގެ ފައިސާގެ މުއާމަލާތްތައް މިވަނީ ހުއްޓިފައި،" އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ބުޝްރީ ވިދާޅުވި އެވެ.