ފާއިތުވި ނޮވެމްބަރު މަހު މަހު ޖެންޑާ މިނިސްޓްރީ އަށް ޖުމްލަ 238 މައްސަލަ ރިޕޯޓު ކުރި ކަމަށާއި އޭގެ ތެރެއިން 124 މައްސަލައަކީ ކުޑަކުދިންނާ ގުޅޭ މައްސަލަތައް ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން ކޮންމެ މަހަކު ވެސް އެ މިނިސްޓްރީއަށް ހުށަހަޅާ މައްސަލަތަކުގެ ތަފާސް ހިސާބުތައް އާއްމު ކުރެއެވެ. ފާއިތުވި ނޮވެމްބަރު މަހުގެ ތަފާސް ހިސާބުތައް މިއަދު ވަނީ އާންމުކޮށްފަ އެވެ. އެ ތަފާސްހިސާބުތައް ދައްކާގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާ އާ ގުޅޭ 124 މައްސަލައެއް ނޮވެމްބަރު މަހު ވަނީ ހުށަހަޅައިފަ އެވެ. އެއީ މިދިޔަ މަހުގެ ހުށަހެޅުނު މައްސަލަތަކުގެ 52 ޕަސެންޓް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ޖިންސީ ހާނިއްކައިގެ މައްސަލަތައް ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުނެ އެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ހާނިއްކަ ކޮށްގެން 57 މައްސަލައެއް ނޮވެމްބަރު މަހު ހުށަހަޅާފައިވާ ކަމަށް ޖެންޑާގެ ތަފާސް ހިސާބުތައް ދައްކަ އެވެ.

މީގެ އިތުރުން ކުޑަކުދިންނަށްކުރާ ޖިސްމާނީ ހާނީއްކައިގެ 30 މައްސަލަ އާއި ނަފްސާނީ ހާނީއްކައިގެ 10 މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށް ޖެންޑާގެ ތަފާސްހިސާބުތައް ދައްކަ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކުޑަކުދިންނަށް އިހުމާލުވުމުގެ 19 މައްސަލައެއް މިދިޔަ މަހު ވަނީ ހުށަހަޅައިފަ އެވެ. އަދި އެހެން ކުދިންގެ ފަރާތުން "ގަނާ"ލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ ހަތަރު މައްސަލަ އަދި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ ތިން މައްސަލަ ވެސް ނިމިދިޔަ ނޮވެމްބަރު މަހު ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.

ޖެންޑާގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެކި ބާވަތްތަކުގެ ކުށް ކޮށްގެން ފަސް ކުޑަކުއްޖެއްގެ މައްސަލަ މިދިޔަ ނޮވެމްބަރު މަހު އެމިނިސްޓްރީއަށް ވަނީ ހުށަހަޅައިފަ އެވެ. ވައްކަންކުރުމުގެ އެއް މައްސަލަ އަދި މަސްތުވާތަކެތި ބޭނުންކުރުމުގެ އެއް މައްސަލަ ހިމެނޭ ކަމަށް ޖެންޑާ އިން ބުނެއެވެ.

މީގެ އިތުރުން ކުޑަކުދިންގެ އަހުލާގީ މައްސަލަތަކާ ގުޅިގެން 14 މައްސަލައެއް މިދިޔަ މަހު ޖެންޑާއަށް ރިޕޯޓުކޮށްފައިވާ ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކަ އެވެ.

ވަކި ޖިންސަކަށް ނިސްބަތްވާތީ ކުރާ އަނިޔާގެ 35 މައްސަލައެއް ވެސް މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހެޅިފައިވާކަމަށް އެމިނިސްޓްރީ އިން ބުންޏެވެ. މިއީ މިދިޔަ މަހު ހުށަހެޅުނު މައްސަލަތަކުގެ 15 ޕަސެންޓެވެ.

މީގެ ތެރޭގައި ނަފްސާނީ އަނިޔާ ދިނުމާއި ޖިސްމާނީ އަނިޔާ ދިނުން އަދި ގަދަކަމުން ޖިންސީ އަނިޔާ ކުރުމުގެ މައްސަލައަކާއި އިހުމާލު ވުމާއި ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލައެއް ހިމެނޭކަމަށް ޖެންޑާ މިނިސްޓްރީ އިން ބުންޏެވެ.