އާ އަހަރާ މުނާސަބަތުކޮށް ޓޫރިޒަމް މިނިސްޓްރީ އިން ބާއްވާ، ޓޫރިޒަމް އެރައިވަލް ކައުންޓްޑައުން ޝޯއަށް ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރަހާތު ފަތަހު އަލީ ހާނާއި އަދި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ މިކާ ސިންގް ރާއްޖެ ގެންނަ ގޮތަށް ޓޫރިޒަމް މިނިސްޓްރީ އިން ހަމަޖައްސައިފި އެވެ.

މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕަމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން މިއަދު ވެލާނާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އިވެންޓް އައުޓް ސޯސްކޮށްފައިވާ، ދުބާއީގެ ޕޯޓްފޯލިއޯ މެނޭޖްމަންޓް އިވެންޓްސްގެ ޑިރެކްޓަރު އޮފް އޮޕަރޭޝަންސް މުހައްމަދު ފަހުދު ވިދާޅުވީ ޑިސެމްބަރު މަހު 31 ވަނަ ދުވަހުގެ ރޭ އަލިމަސް ކާނިވަލުގައި އޮންނަ ޝޯގައި ރަހާތާއި މިކާ ޕާފޯމް ކުރާނެ ކަމަށެވެ.

ޓޫރިޒަމް ކައުންޓް ޑައުން ޝޯގެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ވަނީ ފަސް ކުންފުންޏަކާ އެކު ސޮއިކޮށްފަ އެވެ. އެ ކުންފުނިތަކަކީ، ޕީއެސްއެމް، މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން، ސިވެސް، ޗޮޕްއާޓް އަދި ޑުބާއީގެ ޕޯޓްފޯލިއޯ މެނޭޖްމަންޓް އިވެންޓެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހާލީލު ވިދާޅުވީ އެކުންފުނިން މި އަހަރުގެ ކައުންޓްޑައުން ޝޯއަށް ތައްޔާރުވުމަށް އެ އިވެންޓް ޕްރޮމޯޓްކޮށް އަދި ލައިވްކޮށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ އެ އިވެންޓުގައި ރާއްޖެއާއި ރާއްޖެ އިން ބޭރުގެ ފަންނާނުންގެ ތަފާތު ހަރަކާތްތައް މި އަހަރު ފެނިގެންދާނެ ކަމަށެވެ.