ލާމަރުކަޒީ ނިޒާމެއް ބިނާ ކުރުމުގެ އެއްވެސް ނިޔަތެއް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނެތް ކަމަށް އެމްޑީޕީން ބުނެފި އެވެ.

އިންޑިއާގެ ސަފިރު އަކިލޭޝް މިޝްރާއާ ބައްދަލު ކުރުމުން ގއ. އަތޮޅު ކައުންސިލުގެ ހުރިހާ މެމްބަރުން ވަނީ ތިން މަސް ދުވަހަށް ސަސްޕެންޑް ކޮށްފަ އެވެ.

އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކާ އެކު އިންތިހާބުވެފައިވާ ކައުންސިލަރުންތަކެއްގެ ހުރިހާ ކަމެއް ގަދަ ބާރުން ހިފެހެއްޓުމުގެ އެއްވެސް ގާނޫނީ ބާރެއް އެލްޖީއޭއަށް ނެތް ކަމަށެވެ.

އެހެންކަމުން ގއ. އަތޮޅު ކައުންސިލް މެމްބަރުންގެ ސަސްޕެންޝަން އުވާލަން ޖެހޭ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

"އެ އޮތޯރިޓީގެ މިފަދަ ނިންމުންތަކުން ހާމަވަނީ ގާނޫނު އަސާސީގައި ބަޔާންކުރާ ފަދަ ލާމަރުކަޒީ ނިޒާމެއް ބިނާކުރުމުގެ ނިޔަތެއް ވެސް ނެތް ކަން،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ބޭރުގެ ސަފީރުން ރަށްރަށުގެ ހާލު ބައްލަވާ ލެއްވުމަށް ޒިޔާރަތް ކުރެއްވުމަކީ އޭގެ ފައިދާ ގައުމަށް ކުރާނެ ކަމެއް ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

އެލްޖީއޭ އިން ވަނީ ހޯމް މިނިސްޓްރީގެ ހުއްދައަކާ ނުލައި ޑިޕްލޮމެޓުންނާއި ބޭރުގެ ފަރާތްތަށް ކައުންސިލަރުންނާ ބައްދަލު ކުރުމަކީ މަނާކަމެއް ކަމަށް ކަނޑައަޅައި ސާކިއުލާއެއް ނެރިފަ އެވެ.

ބޭރުގެ އެކިއެކި ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ކައުންސިލުތަކުން ބައްދަލު ކުރަމުންދާ ނަމަ ރާއްޖޭގެ ޚާރިޖީ އަދި ދާހިލީ ސިޔާސަތުތަކަށް ބުރޫއަރައި ރާއްޖޭން ބައިވެރިވެފައިވާ މުއާހަދާތަކާއި އެއްބަސްވުންތަކާ ފުށޫއަރާ ގޮތް ވެދާނެ ކަމަށް ސާކިއުލާގައި ވަނީ ބުނެފަ އެވެ.