14 Dec 2017, 15:21
މާލެ އާއި ރަށްރަށުގެ މިސްކިތްތަކުގެ ސާފުކުރުމުގެ މަސައްކަތުގައި އުޅޭ މީހުންނަށް އޮފް ދުވަހެއް ނުލިބޭތީ އެ މިސްކިތްތަކުގައި މަސައްކަތް ކުރާ ބައެއް މީހުން ކަންބޮޑުވުން ފާޅު ކޮށްފި އެވެ.
މިސްކިތްތެއްގެ މަސައްކަތު މީހަކު 'ސަން' އާ ވާހަކަ ދައްކަމުން ބުނީ އެއްވެސް ގޮތަކަށް އޮފް ދުވަހެއް ނުލިބޭ ކަމަށެވެ.
"ހުކުރެއް ހޮނިހިރެއް އީދެއް ރޯދައެއް ނޯވޭ. ކޮންމެ ދުވަހަކު ވެސް މަސައްކަތަށް ނުކުންނަށް ޖެހޭ. އެހެން ނޫނީ ޖެހެނީ ސަލާން ބުނަން." ރަށެއްގެ މިސްކިތެއްގައި މަސައްކަތް ކުރާ މީހަކު ބުންޏެވެ.
އެމީހުން މަސައްކަތަށް ނުކުންނަން ޖެހެނީ ކޮންމެ ނަމާދެއްގެ ބައި ގަޑިއިރު ކުރިންނެވެ. މަސައްކަތު މީހުން ކޮންމެ ދުވަހަކު ވެސް މިސްކިތް ފޮޅާ ސާފުކުރުމާއި އޭގެ އިތުރުން މިސްކިތު ގޯތިތެރެ ކުނިކަހާ ސާފު ކުރުމާއި ފާހާނާތައް ދޮވުމާއި ހިރަފުސް ފޮޅުމާއި ފަންކާ ފުހުމަކީ ވެސް ކުރަން ޖެހޭ ކަމެކެވެ.
"ވަރަށް ބުރަ މަސައްކަތެއް ދުވާލަކަށް ގާތްގަނޑަކަށް ހަތް ގަޑިއިރު ނުވަތަ އަށް ގަޑިއިރު ހޭދަވޭ މިކަމަށް" އެމީހާ ބުންޏެވެ.
އެކަމާ ގުޅިގެން ރަށެއްގެ ކައުންސިލެއްގެ އޮފިޝަލަކާ ސުވާލުކޮށްލުމުން ބުނީ މިސްކިތްތަކުގެ މުވައްޒަފުންގެ ކަންކަން ބަލަހައްޓަނީ އިސްލާމިކް މިނިސްޓްރީން ކަމަށެވެ.
ވަޒީފާއާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ މުވައްޒަފަކު އަރާމު ކުރުމަށް އާދައިގެ މަތިން ހަމަ ޖެހިފައިވާ ދުވަހެއްގައި ނުވަތަ ދެފަރާތުން އެއްބަސްވެފައިވާ ދުވަހެއްގައި އަރާމުކުރުމަށް ވިދިވިދިގެން 24 ގަޑިއިރުގެ މުއްދަތެއް ނުދީ އެއްވެސް މުވައްޒަފަކު ލައްވައި ވިދިވިދިގެން ހަ ދުވަހަށް ވުރެ ދިގު މުއްދަތަކަށް މަސައްކަތް ކުރުވައިގެން ނުވާނެ ކަމަށެވެ.
މި މާއްދާގެ ދަށުން ވަޒީފާ އަދާ ކުރާ ކޮންމެ މުވައްޒަފަކަށް ވެސް އަރާމު ކުރަން ހަފްތާއަކު އެއް ދުވަސްދޭން ވަޒީފާދޭ ފަރާތަށް ލާޒިމްވާނެ އެވެ.
ވަޒީފާއާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ އެ ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން އިސްތިސްނާވާ މުވައްޒަފުން ފިޔަވަައި، އިތުރު ގަޑިި ނުހިމެނޭ ގޮތަށް ހަފުތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް އެއްވެސް މުވައްޒަފަކު ލައްވައި މަސައްކަތް ކުރުވައިގެން ނުވާނެ ކަމަށެވެ.
އިސްތިސްނާވާ މުވައްޒަފުންގެ ތެރޭގައި މިސްކިތްތަކުގެ މަސައްކަތު މީހުން ވެސް ހިމެނެ އެވެ.
އިސްލާމިކް މިނިސްޓްރީގެ ޕީއެސް މުސްއަބް އަބްދުﷲ ވިދާޅުވީ މިސްކިތު މަސައްކަތު މީހުންނަކީ 34 ވަަނަ މާއްދާގެ ދަށުން އިސްތިސްނާ މުވައްޒަފުންނަށް ވާތީ އޮފް ދުވަސް ނުލިބެނީ ކަމަށެވެ.
މިސްކިތު މަސައްކަތު މީހުންނަކީ ސިވިލް ސާވިސް މުވައްޒަފުންނެވެ. ސިވިސްލް ސާވިސް ކޮމިޝަމުގެ ލީގަލް އޮފިސަރަކު ވިދާޅުވީ މިސްކިތު މަސައްކަތު މީހުންނަކީ ވަޒީފާއާ ބެހޭ ގާނޫނުގެ ހަތަރު ވަނަ ބާބުން އިސްތިސްނާވާ މުވައްޒަފުންނަށް ވަތީ އެ މުވައްޒަފުންނަށް އޮފްޑޭ ނުލިބެނީ ކަމަށެވެ.