09 Aug 2011, 14:21
ޔުޓިލިޓީސް ކުންފުންޏަކީ ހޯމް މިނިސްޓަރު (ހަސަން އަފީފު) އަޑީގައި ހުންނަވައިގެން ކުރައްވަމުން ގެންދަވާ ކަމެއް ކަމަށް ވިދާޅުވެ، ތ. ދިޔަމިގިލީ އިންޖީނުގެ ހިންގަމުން ގެންދާ، މެދު ދެކުނު ޕްރޮވިންސްގެ ޔުޓިލިޓީސް ކުންފުނީގެ "މީހުން ތަޅައި ފަހައި" އެ ރަށުން ބޭރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ގޮވައިލައްވައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ދިޔަމިގިލިން ކަރަންޓް ކެނޑުނު މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ފިޔަވަޅު އަޅާފައިނުވާ ކަމަށް ބުނެ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ސަރުކާރު ހިންގާ، އެމްޑީޕީ އަށް ނިސްބަތްވާ، މުސްތަފާ ވިދާޅުވީ ދިޔަމިގިލީ ރައްޔިތުން ކަނު އަނދިރީގައި ތިބެން ޖެހޭނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެ ރަށު ރައްޔިތުން އަމިއްލަ ރަށުގައި ނުލާހިކު ރަނގަޅަށް ކަރަންޓް ދީގެން ތިއްބައި ޔުޓިލިޓީސް ކުންފުނިކިޔާ ބަޔަކު ގޮސް ކަރަންޓް އަގުބޮޑުކޮށް އެމީހުންގެ މުޅި މާހައުލު ހަލާކުކޮށްލާފައިވާ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
"އަޅުގަނޑު ދިޔަމިގިލީ ރައްޔިތުންނަށް ގޮވާލަނީ މީގެ ކުރިން ތިޔަ ބޭފުޅުން އުޅުނު ގޮތަށް އުޅޭށޭ. ޔުޓިލިޓީ ކުންފުންޏެކޭ ކިޔާ ބަޔަކީ ކަނޑައެޅިގެން ހޯމް މިނިސްޓަރު ]ހަސަން އަފީފު[ އަޑީގައި އިންނަވައިގެން ރަށަށް ކުރަމުންދާ ކަމެއް. އެހެންކަމުން ރައްޔިތުން އަމިއްލައަށް ޗަންދާ ނަގައިގެން ޖަނަރޭޓަރެއް ލައިގެން ވެސް ޔުޓިލިޓީސް ކުންފުނި ރަށުން ބޭރުކުރަން ގޮވާލަން،" މުސްތަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ކަރަންޓާއި ބޯފެން ފޯރުކޮށްދިނުމަކީ ގާނޫނު އަސާސީން ސަރުކާރަށް ލާޒިމުކުރާ ކަމެއް ކަމަށެވެ. އެހެންކަމުން އެންމެ ރެއަކު އެންމެ ވަގުތު ކޮޅަކުވެސް ރާއްޖޭގެ އެއްވެސް ރަށެއްގައި ކަނު އަނދިރީގައި ރައްޔިތުން ނިދަން ތިބެން ޖެހޭނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
"އަށްޑިހަ ކިލޯވޯޓުގެ ޖަނަރޭޓަރެއް އެ ރަށުގައި ލެވެން ޖެހޭނެ. މި ސަރުކާރުން ތިރީސް ސާޅީސް މިލިޔަން ޑޮލަރުން ކޮންޓްރެކްޓްތަކާ އެއްޗެހި ދެމުން ގެންދާ އިރު ފުދޭވަރަކަށް ފައިދާ ލިބެން ޖެހޭނެ. އެހެންވީމަ 80 ކިލޯވޯޓުގެ ޖަނަރޭޓަރަކީ ގާތްގަނޑަކަށް ލައްކައެއް ދޮޅުލައްކައެއްހާ ރުފިޔާ. ކީއްވެތޯ ސަރުކާރަށް ޓަކައި ޕާޓީއަށް ޓަކައި އެވަރުކަމެއް ނުކޮށްދޭންވީ،" މުސްތަފާ ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގެ ފުރަތަމަ ދަންފަޅީގައި މި ކުއްލި މައްސަލައިގެ ބަހުސް ކުރިއަށް ގެންދަނިކޮށް މެންބަރުންގެ މެދުގައި ޒުވާބު ގަދަވެގެން ޖަލްސާ ހުއްޓާލަން ޖެހުނު ނަމަވެސް 1:00ގައި ފެށި ދެ ވަނަ ދަންފަޅީގެ ބަހުސް ކުރިއަށް ގެންގޮސްފައި ވަނީ މައްސަލައަށް ވާހަކަ ދެއްކުމުގެ ވަގުތު އިތުރު ކުރުމަށް ފާސްކޮށްގެންނެވެ.