ޏ. ފުވައްމުލަކުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން އިތުރު ފަރުވާއަށް އިއްޔެ އެކަކު މާލެ ގެނެސްފިއެވެ.

ޏ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ފަރުޒާދު މިއަދު "ސަން" އަށް ވިދާޅުވީ މިއަދުގެ ވަގުތެއްގައި އިތުރު މީހަކު މާލެ ފޮނުވަން ހަމަޖެހިފައިވާ ކަމަށެވެ.

"ދެ މީހުން އެއްދުވަހަކު މާލެ ފޮނުވަނުލެވުނީ ފްލައިޓުން ގާގަ ނުލިބިގެން،" ފަރުޒާދު ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓު ހިނގިކަން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އަންގާރަ ދުވަހުގެ ރޭ 10:10 އެހާކަންހާއިރު ކަމަަށެވެ. އެ އެކްސިޑެންޓް ހިނގާފައިވަނީ ފުވައްމުލައް މައިލޯ ސްޓޭޑިއަމް ކައިރި ތާރު އެޅި މަގުގައި ފަސް ސައިކަލެއް ޖެހިގެނެވެ.

މަންޒަރު ފެނުނު މީހަކު ބުނީ އެ ހާދިސާގައި ބައެއް މީހުންގެ ބޯ ފަޅައިގެން ގޮސް ގިނަ އަދަދެއްގެ ލޭ މަގުމަތީގައި ހުރި ކަމަށެވެ. އެއްވެސް މީހެއްގެ ހާލު އެހާ ސީރިއަސް ނޫން ކަމަށް ޏ. އަތޮޅު ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މާލެ ގެނެސްގެން ފަރުވާދޭ ދެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު އަދި ނުލިބެއެވެ.