މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު މާލޭގައި ހިންގި ގޭންގު މާރާމާރީއެއްގައި ވ. ކެޔޮދޫ ދޭލިޔާގެ މޫސާ އަހުމަދު މަރުވި މައްސަލައާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

މޫސަ މަރުވެފައި ވަނީ މާފަންނު އައިޓަމްސް ފިހާރަ ކައިރީ ހިންގި ގޭންގު މާރާމަރީއެއްގައި ވަޅިން އޭނައަށް ދިން ހަމަލާގެ ސަބަބުންނެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ މޫސަ މަރަލި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ އދ. މާމިގިލި ސޭޑީ ގްރޫވް އުމުރުން 18 އަހަރުގެ ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ކަމަށެވެ.

އޭނާގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އާއި މަގުބޫލު ސަބަބެއް ނެތި އާންމުތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ދައުވާއެވެ.

މޫސަ މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ތިން މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައި ވަނީ މ. ދިއްގަރު ދެބުދާރުގެ އުމުރުން 28 އަހަރުގެ އަހުމަދު އިޖާދު މުހައްމަދު އާއި ނ. ޅޮހި ކަނީރުމާގެ އުމުރުން 24 އަހަރުގެ މުހައްމަދު ރިޔާޒުގެ މައްޗަށެވެ.

އެ މާރާމާރީގައި އިތުރު މީހަކަށް ވެސް ވަނީ ވަޅިން ހަމަލާދީފައެވެ.

އެމައްސަލައާ ގުޅިގެން 18 އަހަރުން ދަށުގެ ދެކުއްޖަކާއި އިތުރު ދެ މީހެއްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. ދައުވަ އުފުލި ދެ މީހުންނަކީ ސ. ހިތަދޫ، މުޑުދާސްގެ އުމުރުން 23 އަހަރުގެ އަލީ ހަސަން އާއި ހަމައެރަށު ގުލްބަކާގެ އުމުރުން 21 އަހަރުގެ މުހައްމަދު ނާޒިފް ނާޒިމްގެ މައްޗަށެވެ.

އެ އެންމެންގެ މައްޗަށް ވެސް އުފުލާފައި ވަނީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނުއެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އާއި މަގުބޫލު ސަބަބެއްނެތި އާންމުތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.