ސީޝެލްސްގައި މިހާރު ކުރިއަށްދާ އަށް ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މިއަދު މަޔޯޓޭއާއި ދެކޮޅަށް ރާއްޖޭގެ ވޮލީބޯޅަ ޓީމު ކުޅުނު މެޗް ސީދާ ތިން ސެޓުން ރާއްޖެ ކާމިޔާބުކޮށްފި އެވެ.

ޕަލައިސް ޑެސް ސްޕޯޓްސްގައި މިއަދު ހެނދުނު ރާއްޖެ ގަޑިން 930 ގައި ކުޅުނު މިމެޗް ދިވެހިރާއްޖެ އިން ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. މިމެޗްގެ ސެޓްތައް ރާއްޖެ އިން ކާމިޔާބުކޮށްފައި ވަނީ 25 ޕޮއިންޓް 20 ޕޮއިންޓް، 25 ޕޮއިންޓް 20 ޕޮއިންޓް އަދި 25 ޕޮއިންޓް 20 ޕޮއިންޓުންނެވެ.

މެޗަށް ފަހު ރާއްޖޭގެ ވޮލީބޯޅަ ޓީމުގެ ކޯޗަ ޝަރަފު ބުނެފައިވަނީ މިމެޗްގައ ޓީމުން ދެއްކި ކުޅުމާއިމެދު ހިތްހަމަޖެހޭ ކަމަށާއި ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވާނީ މިއަދު ހަވީރު ސީޝެލްސް ގަޑިން 1730 ގައި ސީޝެލްސްއާއި މޮރިޝަސް ބައްދަލުކުރާ މެޗަށް ފަހުގައި ކަމަށެވެ.

"މިމެޗްގައި ދެއްކި ކުޅުމާއިމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ. އަނެއްކާ މިމެޗަކީ އަޅުގަނޑުމެން ހެނދުނު ކުޅުނު މެޗެއް އެހެންނަމަވެސް އެތަން ނުފެނޭ މެޗްގައި."

"ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވާނީ މޮރިޝަސްއާއި ސީޝެލްސް ބައްދަލުކުރާ މެޗަށް ފަހު. އެމެޗުން މޮރިޝަސް ބަލިވެއްޖެ ނަމަ ރާއްޖެ ކަޓާނެ. އެހެންނަމަވެސް ފަސް ސެޓަށް ނުގޮސް ސީޝެލްސް މޮޅުވެއްޖެނަމަ ރާއްޖެ ސެމީއަށް ދާނެ. ދެން މިހާތަނަށް ކުޅުނު މެޗްތަކަށް ބަލާއިރު ސީޝެލްސް މޮޅުވާނެކަމަށް ޤަބޫލުކުރެވެނީ." ޝާރަފު ބުންޏެވެ.
ސީޝެލްސްގައި މިވަގުތު ހުރި ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ރިޔާޒް ބުނެފައިވަނީ މިއީ ދިވެހި ޓީމަށް ކާމިޔާބީއެއް ކަމަށާއި މިއަދުގެ މޮޅުވުމުގެ އިތުރުން އިއްޔެ މޮރިޝަސްއަތުން މޮޅުވި މޮޅުވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"މިއަދު މެޗަށް ވުރެ ބޮޑަށް އިއްޔެ މޮޅު ކާމިޔާބީގެ ގޮތުގައި މިބެލެވެނީ. މޮރިޝަސްއަކީ ހުރިހާ ގޮތަކުން ވެސް މޮޅު ޓީމެއް. ދެން މިމުބާރާތަށް އައިއިރު އޮތް ޓާގެޓް މިހާރުވެސް ހާސިލުވެއްޖެ. އެހެންނަމަވެސް އަދިވެސް އުންމީދު ކަނޑައެއް ނުލަން ސެމީގެ ޖާގަ ލިބިއްޖެ ނަމަ ރަގަޅު ފައިޓެއް ދޭނެކަމަށް ޤަބޫލުކުރަނީ." ރިޔާޒް ބުންޏެވެ.