ސްވެންސީ ސިޓީގެ މައްޗަށް ކުރި ހޯދައި އިނގިރޭސި ޕްރޮމިއަ ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑު މެންޗެސްޓާ ސިޓީން މުގުރާލައިފި އެވެ.

ޕްރިމިއާ ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑު މީގެ ކުރިން އޮތީ އާސެނަލްގެ އަތުގަ އެވެ. އެޓީމުން ވަނީ ލީގުގައި 2002 ވަނަ އަހަރުގެ ފެބްރުއަރީ މަހާއި އޯގަސްޓު މަހު ތެރޭގައި ޖެހިޖެހިގެން 14 މެޗުން މޮޅުވެފަ އެވެ. ރޭގެ މެޗަކީ ލީގުގައި ސިޓީން ޖެހިޖެހިގެން ހޯދި 15 ވަނަ މޮޅެވެ.

ސްވެންސީގެ ދަނޑުގައި ކުޅުނު އެ މެޗު ސިޓީން ކާމިޔާބު ކުރީ 0-4ގެ ނަތީޖާއަކުންނެވެ. ރޭގެ މޮޅާއެކު ލީގުގެ އެއްވަނާގައި ސިޓީ މިހާރު އޮތީ 49 ޕޮއިންޓާ އެކު އެވެ. ލީގުގެ ދެވަނާގައި 38 ޕޮއިންޓާ އެކު މެންޗެސްޓާ ޔުނައިޓެޑް އޮތްއިރު ތިންވަނާގައި 35 ޕޮއިންޓާ އެކު އޮތީ ޗެލްސީއެވެ. ރޭގެ މެޗުން ބަލިވެ ސްވެންސީ އޮތީ 12 ޕޮއިންޓާ އެކު ލީގުގެ ފުލުގައެވެ.

މެޗުގެ ފުރަތަމަ ލަނޑު ސިޓީ އަށް މެޗުގެ 27 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މޮޅު ކުޅުމެއް ރޭގެ މެޗުގައި ދެއްކި ޑޭވިޑް ސިލްވާއެވެ. އަދި ކެވިން ޑެ ބްރައިނާގެ ހިލޭޖެހުމަކުން މެޗުގެ 34 ވަނަ މިނެޓްގައި ސިޓީން ވަނީ ދެވަނަ ދެ ލަނޑުގެ ލީޑަކާއެކު ފުރަތަމަ ހާފު ނިންމާލާފައެވެ.

ދެވަނަ ހާފްގެ ކުރީކޮޅު ސިޓީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ވެސް ސިލްވާއެވެ. އަދި އެޓީމުގެ ފަހު ލަނޑު މެޗުގެ 85 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސާޖިއޯ އަގުއެރޯއެވެ.

ޖެހިޖެހިގެން 15 މެޗުން މޮޅުވެ ސިޓީން އާ ރިކޯޑު ގާއިމުކުރި އިރު އެ 15 މެޗުގައި އެޓީމުން ވަނީ މެންޗެސްޓަ ޔުނައިޓެޑާއި ޗެލްސީ އާއި އާސެނަލް އަދި ލިވަޕޫލް ފަދަ ޓީމުތަކުގެ މައްޗަށް ކުރި ހޯދައިފަ އެވެ.