ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހްގެ ޕާޓީގެ އިސްވެރިންނާ ހޫޘީން ބައްދަލުކޮށްފި އެވެ.

ޔަނަނުގެ ކުރީގެ ރައީސް ސާލިހް އަވަހާރަވީ މި މަހުގެ ހަތަރު ވަނަ ދުވަހު ހޫޘީން ދިން ހަމަލާއެއްގަ އެވެ.

ހޫޘީންގެ ބާރުގެ ދަށުގައި އޮންނަ މިޑިއާ އަކުން ބުދަ ދުވަހު ވަނީ ހޫޘީންނާއި ސާލިހްގެ ޕާޓީ، ޖީޕީސީ އާ ދެމެދު ބޭއްވި ކަމަށް ބުނާ ބައްދަލުވުމެއްގެ ފޮޓޯތައް އާންމުކޮށްފަ އެވެ.

އެ ބައްދަލުވުމުގައި ހޫޘީންގެ ސިޔާސީ ކަންތަކާ ބެހޭ އެންމެ އިސް ލީޑަރު ސަލާހް އަލް ސަމަދާއި ޔަހުޔާ އަލް ރާއީ ބައިވެރިވި ކަމަށް ހޫޘީން ބުނެ އެވެ. އެ ބައްދަލުވުމުގައި ހޫޘީންގެ ފޮރިން މިނިސްޓަރު ވެސް ބައިވެރިވެފައިވެ އެވެ.

ޔަމަނުގައި ހަމަނުޖެހުންތައް އުފެދުނީ ސޯލިހް ސައުދީއާ މަޝްވަރާކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވުމުގެ ސަބަބުންނެވެ. އޭރު ސާލިހް ވަނީ ހޫޘީންނާ އެކު ކޯލިޝަން ހަދާއިފަ އެވެ.

ސާލިހް އަވަހާރަވުމަށް ފަހު، ސާލިހްގެ ޕާޓީއާ އެކު ހޫޘީން ބައްދަލުވުމެއް ބޭއްވުމަކީ އަނެއްކާ ވެސް ދެބައިމީހުން އެއްގަލަކަށް އަރައިފާނެ ކަމުގެ ނިޝާނެއް ކަމަށް ބެލެވެ އެވެ.

ހޫޘީންނަކީ ޔަމަނުގެ އުތުރުގައި އުފެދިފައިވާ ޝިޔައީ ޖަމާއަތެކެވެ. ހޫތީންނާއި ޔަމަންގެ މައި ސަރުކާރާ ދެމެދު ހަމަނުޖެހުންތައް އުފެދެން ފެށީ 1990ގެ އަހަރުތަކުގެ ތެރޭގަ އެވެ.

އަލްޖަޒީރާ