14 Dec 2017, 00:54
ފަލަސްތީނާއި އިސްރާއީލާ ދެމެދު ސުލްޙަ ޤާއިމުކުރުމަށް ކުރާ މަސައްކަތުގައި އެމެރިކާގެ އެއްވެސް "ހައިސިއްޔަތެއް މިހާރު ނޯންނާނެ" ކަމަށާއި އެމަސައްކަތުން އެމެރިކާ އަމިއްލައަށް ބަރީއަ ވެފައިވާކަަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވެއްޖެއެވެ.
އިސްރާއިލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރެއްވިފަހުން، މަހުމޫދު އައްބާސް ދެއްވި ހިތާބުގައި ވިދާޅުވީ ފަލަސްތީނާއި އިސްރާއިލާ ދެމެދު ސުލްހަ ގާއިމް ކުރުމުގެ މަސައްކަތުގައި އެމެރިކާއިން މިހާރު އަދާކުރާނެ ދައުރެއް ނެތް ކަމަށެވެ.
އަދި މިކަމުގައި އެމެރިކާއިން އަދާކުރަ އެއްވެސް ރޯލެއް ފަލަސްތީނުގެ ރައްޔިތުން ބަލައިގަންނަން ބޭނުންނުވާ ކަމަށް މަހުމޫދު އައްބާސް ވަނީ ވިދާޅުވެފައެވެ.
މިހާރު ކުރިއަށްދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ "ގުދުސަކީ އަބަދުވެސް ފަލަސްތީނުގެ ވެރިރަށް" ކަމަށެވެ.
"ދެގައުމުގެ ދެމެދުގައި ސުލްހަ ގާއިމް ކުރުމަށް މަސައްކަތް ކުރުމަށް އެމެރިކާގެ އެއްވެސް ހައިސިއްޔަތެއް މިހާރު ނެއް. އެއީ އިސްރާއިލު ކޮޅަށް ބުރަވެ ހުސްވެފައިވާ ގައުމެއް،" މަހުމޫދު އައްބާސް ވިދާޅުވިއެވެ.
ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައަޅައި، އދ ގެ ދާއިމީ މެންބަރަކަށް ވުމަށް އެގައުމުން ކުރާ މަސައްކަތް ހުއްޓައިނުލާނެ ކަމަށްވެސް މަހުމޫދު އައްބާސް ވިދާޅުވިއެވެ.