13 Dec 2017, 22:23
އިރުމަތީ ގުދުސް އަކީ ފަލަސްތީނުވެ ވެރިރަށް ކަމުގައި ބަލައިގަތުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ނިންމައިފިއެވެ.
ތުރުކީ ވިލާތުގެ އިސްތަމްބުލް ގައި މިހާރު ކުރިއަށްދާ އޯއައިސީގެ ސަމިޓްގައި އިސްލާމީ ގައުމުތަކުން ނިންމާފައިވަނީ އިސްރާއިލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުން ގަބޫލު ނުކުރުމަށެވެ. އަދި އެމެރިކާގެ ނިންމުމަކީ "ނުރައްކާތެރި" ނިންމުމެއް ކަމަށްވެސް އެ ޖަމާއަތުގެ އިސްވެރިން ވަނީ ކަނޑައަޅައިފައެވެ.
އިސްރާއިލުން ފަލަސްތީނު އިސްތިއުމާރު ކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށްވެސް އެ ބައްދަލުވުމުގައި ވަނީ ގޮވާލައިފައެވެ. އިސްރާއިލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލު ކުރުމަށްފަހު ދެން ނިކުމެދާނެ ނަތީޖާއެއްގެ ޒިންމާ ނަގަންޖެހޭނީ ޓްރަމްޕްގެ ސަރުކާރުން ކަމަށްވެސް އޯއައިސީ ގެ ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ.
އިސްރާއިލުގެ ވެރި ރަށަކީ ގުދުސްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަނޑައެޅުއްވީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. ޓްރަމްޕްގެ ނިންމެވުމާ ގުޅިގެން ގިނަ ބަަޔަކު ދަނީ އެކަމާ މެދު ނުރުހުން ފާޅުކުރަމުންނެވެ.