ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ހުރިހާ މެންބަރުން މުސާރައާ އިނާޔަތްތައް ނުލިބޭގޮތަށް ތިން މަސްދުވަހަށް ސަސްޕެންޑް ކޮށްފިއެވެ.

އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ސަންއަށް މިރޭ ވިދާޅުވީ، ގއ. އަތޮޅު ކައުންސިލްގެ ހުރިހާ މެންބަރުން ތިން މަސް ދުވަހަށް ސަސްޕެންޑްކޮށްފައި ވަނީ، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ނެރެފައިވާ ސާރކިއުލާއާ ޚިލާފަށް، ހޯމްމިނިސްޓްރީގެ ހުއްދައެއް ނެތި ބޭރުގެ ޑިޕްލޮމެޓަކާ އެ ކައުންސިލްގެ މެންބަރުން ބައްދަލުކުރައްވާފައި ވާތީ ކަމަށެވެ.

ސަސްޕެންޑު ކުރި މެންބަރުންގެ ތެރޭގައި ހިމެނެނީ، ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ފުއާދު (ވިލިނގިލި ދާއިރާ) އާއި، އެ ކައުންސިލްގެ ނައިބު ރައީސް އަހްމަދު ނަޒްމީން (ގެމަނަފުށި ދާއިރާ)އާއި ދާންދޫ ދާއިރާއިން ކައުންސިލަށް އިންތިޚާބުވެފައިވާ މެންބަރު ހުސައިން އާދަމެވެ. މީގެ ތެރޭން ފުއާދާއި ހުސައިން އާދަމަކީ އެމްޑީޕީއަށް ނިސްބަތްވާ ދެ މެންބަރުންނެވެ.އަދި ނަޒްމީން އަކީ އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ މެންބަރެކެވެ.

އެލްޖީއޭއިން ސާކިއުލާއެއް ނެރެފައި ވަނީ، ގއ. އަތޮޅު ކައުންސިލްގެ ދައުވަތަކަށް، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ އެއަތޮޅަށް ދަތުރުފުޅެއް ކުރައްވަމުން ގެންދަވަނިކޮށެވެ.

މިކަމާ ގުޅިގެން އެލްޖީއޭއިން މިއަދު ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ، 11 ޑިސެމްބަރު 2017ގައި އެ އޮތޯރިޓީން ނެރެފައިވާ ސާކިއުލާއިން، ބޭރުގެ ދައުލަތްތަކާއި، ޖަމާއަތްތަކާއި އެފަރާތްތައް ތަމްސީލުކުރާ ފަރާތްތަކާ ލޯކަލް ކައުންސިލްތަކުން ބައްދަލުކޮށް މުއާމަލާތްކުރުމުގެ އިޖުރާއަތު ބަޔާންކޮށްފައި ވަނިކޮށް، އެ އިޖްރާއަތްތަކާ ޚިލާފަށް، ގއ. އަތޮޅު ކައުންސިލުން ހުއްދައަކާ ނުލައި ބޭރުގެ ސަފީރަކާ ބައްދަލުކޮށްފައިވާކަން، މައްސަލައާ ގުޅިގެން ލިބިފައިވާ ލިޔެކިޔުންތަކުންނާއި އޮތޯރިޓީން ސާފުކުރި މައުލޫމާތުން ކަށަވަރުވާތީ، ހުވަދު އަތޮޅު އުތުރު ބުރީ އަތޮޅު ކައުންސިލްގެ އެ އަމަލަކީ، އެލްޖީއޭގެ ބޯޑުން ފާސްކޮށްފައިވާ އުސޫލާ ޚިލާފު ކަމަކަށް ވާތީ އެ ކައުންސިލާމެދު ފިޔަވަޅު އަޅަން އޮތޯރިޓީގެ ބޯޑުން ނިންމީ ކަމަށެވެ.

އެލްޖީއޭގެ ބޯޑުން މިއަދު ނިންމި ކަންކަން:

  • 13 ޑިސެންބަރު 2017 އިން ފެށިގެން މުސާރައާ އިނާޔަތްތައް ނުލިބޭގޮތަށް، ތިން މަސް ދުވަހަކަށް ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ތިން މެންބަރުން ސަސްޕެންޑް ކުރުން.
  • އެ މުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިވަޑައިގަންނަ ޚިދުމަތެއް ހޯދުން ނޫން ބޭނުމަކު ކައުންސިލްގެ އިދާރާއަށް ހާޒިރުވުމާއި، ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުންކުރުމާއި އެއްވެސް ހައިސިއްޔަތަކުން ކައުންސިލް ތަމްސީލުކުރުން މަނާކުރުން. އަދި
  • ކައުންސިލަރުންގެ ސަސްޕެންޝަންގެ މުއްދަތުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ މަޝްވަރާގެ މަތީން ކައުންސިލް ހިންގުމާ ހަވާލުވެ ހުންނަވާނީ، ކައުންސިލްގެ އިދާރާގެ ޒިންމާދާރު ވެރިޔާ ނުވަތަ އޭނާގެ މަސްއޫލިއްޔަތާ އެވަގުތަކު ހަވާލުވެހުރި ފަރާތްކަން.

އެލްޖީއޭއިން ކުރިން ނެރެފައިވާ ސާކިއުލާގައި ބުނެފައި ވަނީ، ގާނޫނު އަސާސީއާއި ސުޕްރީމް ކޯޓުގެ ނިންމުމާ ހިލާފަށް ބައެއް ކައުންސިލުތަކުން ބޭރުގެ ޑިޕްލޮމެޓުންނާއި ޖަމިއްޔާ ޖަމާއަތްތަކުގެ މެމްބަރުންނާ ބައްދަލު ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ލޯކަލް ކައުންސިލުތަކަކީ ސަރުކާރުގެ ހިދުމަތުގެ ފަށަލައެއް ކަމަށް ވެފައި ކައުންސިލުތަކުގެ އަމަލުތަކާއި ކުރައްވާ މުއާމަލާތްތައް ރައްދުވާ ފަރާތަކީ ދިވެހި ސަރުކާރު،" އެލްޖީއޭގެ ސާކިއުލާގައި ބުނެފައިވެއެވެ.

ބޭރުގެ އެކިއެކި ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ކައުންސިލުތަކުން ބައްދަލު ކުރަމުންދާ ނަމަ ރާއްޖޭގެ ޚާރިޖީ އަދި ދާހިލީ ސިޔާސަތުތަކަށް ބުރޫއަރާ ރާއްޖޭން ބައިވެރިވެފައިވާ މުއާހަދާތަކާއި އެއްބަސްވުންތަކާ ފުށޫއަރާ ގޮތް ވެދާނެ ކަމަށް ސާކިއުލާގައި ވަނީ ބުނެފަ އެވެ.

"އެހެންކަމުން އެއްވެސް ހާލަތެއްގައި ލޯކަލް ކައުންސިލުތަކުން ބޭރުގެ އެކިއެކި ދައުލަތްތަކާއި ނުވަތަ ޖަމިއްޔާ ޖަމާއަތްތަކާއި ނުވަތަ އެފަރާތްތަށް ތަމްސީލުކުރާ ފަރާތްތަކާ މުއާމަލާތްކުރައްވަން ވާނީ ނުވަތަ ބައްދަލު ކުރަން ވާނީ ހޯމް މިނިސްޓްރީގެ ހާއްސަ ހުއްދައެއް ހޯއްދެވުމަށް ފަހު،" ސާކިއުލާގައި ބުނެފައިވެއެވެ.

ސާކިއުލާގައި، ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (މ) އާ ހަވާލާދީ ބުނެފައި ވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ހިނގާ ނުހިނގާ ގޮތް ބަލައި ސިޔާސަތު ކަނޑައަޅާ ހިންގުމާއި ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކާ ގުޅުން ގާއިމްކޮށް ދެމެހެއްޓުމަކީ ރައީސްގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

އަދި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަކާ ހަވާލާދީ ބުނެފައި ވަނީ ލޯކަލް ކައުންސިލްތައް ހިނގަން ވާނީ ދައުލަތުގެ މަރުކަޒީ ބާރުގެ ދަށުން ކަމަށެވެ.

އެލްޖީއޭގެ އެ ސާކިއުލާއަށް އަމަލު ނުކުރައްވާ ފަރާތްތަކާ މެދު "ކައުންސިލުން ކުރާ ގާނޫނާ ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލު"ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ގއ. އަތޮޅު ކައުންސިލްގެ މެންބަރުން އިންޑިއާގެ ސަފީރާ ބައްދަލުކުރައްވާފައި ވާއިރު، އިނގިރޭސި ސަފީރު ޖޭމްސް ދޯރިސް މީގެ ދުވަސްކޮޅެއް ކުރީން ވަނީ ގދ. އަތޮޅުގެ ކައުންސިލަރުންނާ ބައްދަލުކުރައްވައިފައެވެ.

އިންޑިއާގެ ސަފީރު އަކިލޭޝް ވަނީ އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފާއި އޭނާގެ އަނބިކަނބަލުންނާ ވެސް ބައްދަލުކުރައްވައިފައެވެ. އަދި ފުވައްމުލަކަށް ވަޑައިގެން އެ ސިޓީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފާ ވެސް ބައްދަލު ކުރެއްވި އެވެ.

ހދ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އާތިފާއި އެކައުންސިލްގެ މެމްބަރުންގެ އިތުރުން އއ. އުކުޅަހާއި ގއ. އަތޮޅު ކައުންސިލްގެ މެމްބަރުންނާ ވެސް ސަފީރު ވަނީ ބައްދަލުކުރައްވައިފައެވެ.