13 Dec 2017, 20:14
ތެލާއި ގޭހުގެ ވިޔަފާރިއަށް ވޯލްޑް ބޭންކުން ދޭ އެހީތައް، 2019ގެ ފަހުން ހުއްޓައިލުމަށް އެ ބޭންކުން ނިންމައިފިއެވެ.
ވޯލްޑްބޭންކުގެ މި ނިންމުމަކީ "ކްލީން އެނާޖީ" ބޭނުން ކުރުމަށް ތަރުހީބުދީ އެކަން ކުރިއެރުވުމަށް ނިންމި ނިންމުމެކެވެ.
ދުނިޔެ ހޫނުވާ ގޭސްތަކާ ގުޅޭ އެއްވެސް ކަމަކަށް 2019 އިން ފެށިގެން ވޯލްޑް ބޭންކުން އެހީ ނުވާނެކަން އިއުލާނު ކޮށްފައިވަނީ ޕެރިހުގައި ބޭއްވި ދުނިޔޭގެ އިސްވެރިން ބައިވެރިވި "ވަން ޕްލެނެޓް" ސަމިޓަކަށް ފަހު ނެރުނު ބަޔާނެއްގައެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން 2015 ވަނަ އަހަރު ފާސްކުރި ޕެރިސް އެގްރިމެންޓްގައި ބުނާ ކަންތައް ހާސިލުކުރުމަށް ވޯލްޑް ބޭންކުން އެއްބާރުލުން ދޭން ވަނީ ނިންމައިފައެވެ.
"ކުޑަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިގްތިސާދާ ގުޅުންހުރި މިފަދަ ކަމެއްގައި ވޯލްޑް ބޭންކުން އެހީދޭނީ އެ އެގްރިމެންޓްގައި ބުނާ ކަންތަކާ ހިލާފު ނުވާފަދަ ކަމެއް ކުރާނަމަ. 2020 އާ ހަމައަށް ދާއިރު މި ބެންކުން ދޭ އެހީގެ 28 ޕަސެންޓަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެހީ ދިނުމަށް ދެވޭ އެހީއަށް ހެދުމަށް ދަނީ މަސައްކަތް ކުރަމުން،" ވޯލްޑް ބެންކުން ނެރުނު ބަޔާނެއްގައި ވެއެވެ.
ވޯލްޑް ބޭންކްގެ އެންމެ މުހިއްމު މަގްސަދަކީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިގްތިސާދީ ކުރިއެރުމަށް މާލީ އެހީދިނުމާއި ފަންނީ އެހީ ފޯރުކޮށްދިނުމެވެ.
ވޯލްޑް ބޭންކްގެ ތަފާސްހިސާބުތަކަށް ބަލާއިރު ތިމާވެއްޓަށް ގެއްލުން ކުރާ ޕްރޮޖެކްޓްތަކަށް ތިން ބިލިއަނަށް ވުރެ ގިނަ ޑޮލަރު އެ ބޭންކުން ވަނީ އިންވެސްޓް ކޮށްފައެވެ.
މަސްދަރު: ސައުދީ ގެޒެޓް