ސައުދީ އަރަބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އިސްރާއީލަށް ދަތުރުފުޅެއް ކުރެއްވުމަށް އިސްތާއިލުގެ ޖާސޫސީ އިދާރާގެ ވެރިޔާ ދައުވަތު ދެއްވައިފިއެވެ.

ސައުދީގެ ވަލީއަހުދު މުހައްމަދު އިސްރާއީލަށް ވަޑައިގަތުމަށް އެގައުމުގެ ޔިސްރާއިލް ކަޓްޒް ދައުވަތު ދެއްވިކަން ކަށަވަރުކޮށްދެއްވީ ސައުދީ އަރަބިއާގެ "އީލާފް" ނޫހަށް ދެއްވި އިންޓަވިއުއެއްގައެވެ. އީލާފް ނޫހުން ދާދި ފަހުން ވަނީ އިސްރާއީލުގެ އަސްކަރިއްޔާގެ ވެރިޔާގެ އިންޓަވިއު އެއްވެސް ޝާއިއު ކޮށްފައެވެ.

ސައުދީގެ ވަލީ އަހުދު އިސްރާއީލަށް ވަޑައިގަތުމަށް ދައުވަތު ދެއްވާފައިމިވަނީ މެދު އިރުމަތީގެ މަސްރަހު ވަރަށް ހޫނުވެފައި ވަނިކޮށެވެ. އެގޮތުން މިދިޔަ ހަފްތާގެ ބުރާސްފަތު ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިސްރާއިލުގެ ވެރިރަށަކީ ގުދުސް ކަމަށް ކަނޑައެޅުމުން މެދުއިރުމަތީގެ މަސްރަހު ވަނީ ހަލަބޮލިވެފައެވެ. ގުދުސްއަކީ ފަލަސްތީނުގެ ބިމެއް ކަމަށްބުނެ ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ޓްރަމްޕްގެ ނިންމެވުމާ ދެކޮޅުހަދަމުންނެވެ.

ޓްރަމްޕްގެ ނިންމުމާ ގުޅިގެން ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ވިދާޅުވީ އިރުމަތީ ދުގުސް އަށް ފަލަސްތީނުގެ ހައްގު އޮންނަން ޖެހޭ ކަމަށެވެ.

ފަލަސްތީނުގެ މައްސަލައާ ގުޅިގެން މީޑިއާގައި މާގިނަ ޚަބަރު ނުގެނެސްދިނުމަށް ސައުދީގެ ސަރުކާރުން ވަނީ އެގައުމުގެ ނޫސްތަކަށްވެސް އަންގައިފައެވެ.

އިސްރާއިލާ ސައުދީއާ ދެމެދު ޑިޕްލޮމެޓިކް ގުޅުމެއް ނޯވެ އެވެ. ނަމަވެސް އަޑިއަޑިން ދެގައުމުގެ ދެމެދުގައި ގުޅުން އޮންނަ ކަމަށް ވަރަށް ބޮޑަށް އަޑުފެތުރިފައިވެ އެވެ.