13 Dec 2017, 22:52
ފާއިތުވި ހަފްތާތަކުން ފެށިގެން ސައުދިއަރަބިއާ އިން ޔަމަނަށް ދެމުން އަންނަ ވައިގެ ހަމަލާތައްް އިތުރުކޮށްފައިވާތީ ޔަމަނުގެ ސަލާމަތްތެރިކަމާމެދު ސުވާލުއުފެދި، އެގައުމުގައި ތިއްބެވި ރަޝިއާގެ ޑިޕްލޮމެޓުން ވަގުތީގޮތުން ޔަމަނުން ބާލައިފައިވާ ކަމަށް ރަޝިއާއިން ބުނެފިއެެވެ.
ރަޝިއާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން މާރިއާ ޒަޚަރޯވާ އިއްޔެ ވިދާޅުވީ ޔަމަނުގައި ތިއްބެވި ހުރިހާ ޑިޕްލޮމެޓުން އެގައުމުން ބާލައިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އޭގެ ތެރެއިން ބައެއް ޑިޕްލިމެޓުން ދެން މަސައްކަތްކުރައްވާނީ ސައުދީ އަރަބިއްޔާގައި ކަމަށެވެ.
ބައިނަލަގްވާމީ ގައުމުތަކުން ޔަމަނުގައި ހަނގުރާމަ ކުރަމުންދާ ގްރޫޕްތައް ސުލްހަކުރުމަށް ބާރުއަޅައި، ސިޔާސީގޮތުން އެކަމަށް ހައްލެއް ހޯދޭނެތަން ދެކެން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ޒަހަރޯވާ ވިދާޅުވިއެވެ.
ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހް އަވަހާރުކޮށްލި ހާދިސާއަށް ފަހު ރަޝިއާއިން ވަނީ އެގައުމުގެ ހާލަތާ ދޭތެރޭ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ސާލިހުގެ މަރަށްފަހު އެގައުމުގެ ހާލަތު ގޯސްވެ އެގައުމަށް އިންސާނީ މުސީބާތެއް ކުރިމަތިވެދާނެކަމުގެ އިންޒާރު ރަޝިއާއިން ވަނީ ދީފައެވެ.
ރަޝިއާގެ އެމްބަސީން އޮގަސްޓް މަހު ވެސް ވަނީ ސައުދީން ޔަމަނަށް ދެމުންދާ ވައިގެ ހަމަލާތަކުގެ ސަބަބުން އާންމުން ގިނަ އަދަދަކަށް މަރުވަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެެ.
ސައުދީން ޔަމަނަށް ދޭންފެށި ހަމަލާތަކާ އެކު ޔަމަނުގައި މިހާރު ވަނީ އިންސާނި ބޮޑު މުސީބާތެއް ޖެހިފައެވެ. އެގައުމުގެ މިހާތަނަށް ވަނީ 12،000 މީހުން ވަނީ މަރުވެފައެވެ.
މަސްދަރު: ޕްރެސްޓީވީ