09 Aug 2011, 13:35
ސިޔާސީ މަގާމުތައް ފުރުއްވާ ފަރާތްތަކަށް ދޭ މުސާރައިގެ 75 ޕަސެންޓު ކަނޑައި އެ ފައިސާ މަސްވެރިންގެ ސަބްސިޓީގެ ގޮތުގައި ދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.
ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު މިއަދު ހުށަހެޅުއްވި އެ ގަރާރުގައި ވަނީ، ތެލުގެ ސަބްސިޑީގެ ގޮތުގައި މަސްވެރިންނަށް ދިނުމަށް މި އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ 100 މިލިޔަން ރުފިޔާ ސަރުކާރުން ދީފައި ނުވާތީ ވަގުތުން ވަގުތަށް ސަބްސިޑީ ދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. އަދި ސަބްސިޑީ ނުދިނުމުގެ ސަބަބުން މަސްވެރިންނަށް މަހަށް ނުފުރި އާމްދަނީ ލިބޭނެގޮތް ހުސްވެ މަސްވެރި އާއިލާތައް ބަނޑަށްޖެހި ދަރަނިވާހިސާބަށް ހާލަތު ގޯސްވެފައިވާ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.
އެ ގަރާރުގައި ބުނެފައި ވަނީ މުދަލާއި ހިދުމަތުގެ އަގު އިންތިހާ އަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ލިބޭ މަދު ފައިސާކޮޅުން ތެލުގެ ހަރަދު ކަނޑައި ލޯނުއަދާކުރެވޭނެ ގޮތެއް ނެތުމުން އޮޑިވެރިންނާއި މަސްވެރި އާއިލާތަކުގެ ހާލަތު ހީނުކުރާހާ ދަށަށްގޮސްފައިވާ އިރު، ސަބްސިޑީ ނުދީ ހިފެހެއްޓުމަކީ މަސްވެރިންނަށް ތަހައްމަލް ނުކުރެވޭވަރުގެ ބޮޑު ތަކުލީފުތަކެއް އުފުލަން ޖެހޭ ވަގުތެއް ކަމަށެވެ. އަދި ސަބްސިޑީ ނުދީ ހިފާއްޓަނީ ބަޖެޓްގައި ފައިސާ ނެތިގެންކަމަށް ސަރުކާރުން ބުނާ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ.
ނަމަވެސް ސިޔާސީ މަގާމުތައް އުފައްދައި އެމަގާމުތަކަށް ހޭދަކުރާ ނިސްބަތް ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، މަސްވެރިކަމަކީ ބޭރު ފައިސާ ރާއްޖެއަށް ވައްދައިދޭ އެންމެބޮޑު އެއް ވަސީލަތް ކަމަށްވެސް ގަރާރުގައި ފާހަގަ ކޮށްފައިވެ އެވެ.
މަސްވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ މަގުސަދުގައި ތެލުގެ ސަބްސިޑީގެ ގޮތުގައި މަސްވެރިންނަށް ދިނުމަށް މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާ 100 މިލިޔަން ރުފިޔާ ދޫކުރުމުގެ އުސޫލުތައް ކަނޑައަޅައި އެފައިސާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވެސްވަނީ ސަރުކާރަށް ގޮވައިލައިފަ އެވެ. އަދި އެފައިސާ ނުލިބިގެން ބައެއް މަސްވެރިން އިހްތިޖާޖު ކޮށްފައިވާ އިރު އެ ފައިސާ ހޯދުމުގެ އަމުރަކަށް އެދި އެ މައްސަލަ އިދިކޮޅު ގައުމީ ޕާޓީން ވަނީ ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.