ރިޔާދު(13 ޑިސެމްބަރު) :ސައުދީއަރަބިއްޔާގެ އިގްތިސާދު ހަރުދަނާކޮށް، ތެލުގެ ސަބްސިޑީ ދިނުން ހުއްޓާލުމުގެ ގޮތުން އަންނަ އަހަރު ޖެނުއަރީން ފެށިގެން ޕެޓްރޯލްގެ އަގު 80 ޕަސެންޓަށް ބޮޑު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބްލޫމްބާގު ނޫހުން ބުނެފިއެވެ.

ސައުދީން ޕެޓްރޯލުގެ އަގު ބޮޑުކުރާއިރު، ޖެޓް ފިއުލްގެ އަގު ވެސް ބައިނަލަގްވާމީ އަގުތަކާ އެއްވަރަށް ބޮޑު ކުރުމަށް ވެސް ހަމަ ޖެހިފައިވާ ކަމަށް އިތުބާރުހުރި ފަރާތަކާ ހަވާލާދީ ބްލޫމްބާގުން ބުންޏެވެ. އަދި ބުނީ ކުރިއަށް އޮތް ތަނުގައި ޕެޓްރޯލުގެ އިތުރުން ކަރާސީނާ އެހެނިހެން ވައްތަރުގެ ތެލުގެ އަގު ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އިތުރުކުރުމަށް ނިންމައިފައިވާ ކަމަށެވެ.

ބްލޫމްބާގުން ބުނީ ޖެޓްފިއުލް ފިޔަވައި އެހެނިހެން ވައްތަރުގެ ތެޔޮ 2023 ކުރިން ބައިނަލަގްވާމީ އަގުތަކާ އެއްވަރަށް ބޮޑު ނުކުރާނެކަމަށެވެ. އަދި ޕެޓްރޯލްގެ އަގު ބޮޑުކުރިކަމުގައި ވިޔަސް ކަރަންޓުގެ އަގު ކުއްލިއަކަށް ބޮޑު ނުކުރާނެ ކަމަށެވެ.

ސައުދީގައި ޕެޓްރޯލުގެ އަގު ވަރަށް ފަހަކާ ޖެހެންދެން ބޯފެނަށްވުރެ އަގުހެވެވެ.

ސައުދީގެ މިހާރުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަލް ސައުދުގެ ވަލީއަހުދު ކަމުގައި ސައުދީއަށް ދަނީ ސިއްސުވާލާ ފަދަ ބަދަލުތައް ގެންނަމުންނެވެ. އެގޮތުން ދާދި ފަހުން ސައުދީން ވަނީ 500 ބިލިއަން ޑޮލަރުގެ ހައިޓެކް މެގަސިޓީއެއް ގާއިމުކުރުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެފައެވެ.

ދާދި ފަހުން ދުނިޔޭގެ ތެލުގެ ބާޒާރުގެ އަގުތައް ވެއްޓުމުން އޭގެ އަސަރު ސައުދީއަށް ވަރަށް ބޮޑަށް ކުރިއެވެ. އެކަމާހުރެ، 2015 އަހަރު ވަނީ ސައުދީން ވަނީ ސަބްސިޑީތައް ކުޑަކޮށްފައެވެ. މުހައްމަދު ބިން ސަލްމާންގެ 2030 އަށް ކަނޑައަޅައިފައިވާ ތަސައްވަރުގެ ދަށުން ވަނީ ސަބްސިޑީ އެއްކޮށް ކަނޑާލުމަށް ނިންމައިފައެވެ.

ސައުދީން ޔަމަނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ވެސް އެގައުމުގެ އިގްތިސާދަށް ދަނީ ފޫނުބެއްދޭ ގެއްލުންތައް ވަމުންނެވެ.

މަސްދަރު: ބްލޫމްބާގް