ދިރާގުގެ އިންޓަނެޓްގެ ހިދުމަތް ބޭނުން ވަގުތަކު ބޭނުން ތަނެއްގައި ބޭނުން ކުރުމުގެ ފުރުސަތު ހޯދައި ދިނުމަށް ދިރާގުން އިތުރު ފުރިހަމަކަމާއެކީގައި އެލްޓީއީ ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފް ކޮށްފި އެވެ.

އެލްޓީއީ ނުވަތަ "ލޯންގް ޓައިމް އިވޮލިއުޝަން" ބްރޯޑްބޭންޑަކީ އެންމެ ފަހުގެ ޓެކްނޮލޮޖީގައި ވަޔާލެސް އިންޓަނެޓް އެންމެ ބާރު ސްޕީޑްގައި ފޯރުކޮށްދޭ ހިދުމަތެކެވެ.

މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެލްޓީއީ ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފްކޮށްދެއްވައި ވާހަކަ ދައްވަމުން ދިރާގުގެ ސީނިއާ މެނޭޖަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަން، މުހައްމަދު މިރުޝާން ވިދާޅުވީ، މީގެ ދޮޅު އަހަރު ދުވަސް ކުރިން ކަސްޓަމަރުންނަށް ދޭންފެށި އެ ހިދުމަތް މިއަދު ތައާރަފް ކުރީ އިތުރު ފުރިހަމަކަމާއި އައު ޕެކޭޖްތަކަކާއެކީގައި ކަމަށެވެ.

އެލްޓީއީ ބްރޯޑްބޭންޑް މެދުވެރިކޮށް ކަސްޓަމަރުން ބޭނުންވާ ވަގުތަކު ބޭނުންވާ ތަނަކަށް އެލްޓީއީ، ކޭބަލް ގުޅުމަކާ ނުލާ ލިބިގެންދާނެ ކަމަށް މިރުޝާން ވިދާޅުވި އެވެ.

"މި ހިދުމަތް އަޅުގަނޑުމެން ބޮޑަށް ފަރުމާކޮށްފައި ވަނީ ބޭނުން ތަނަކަށް ގެންދެވޭނެ ކަހަލަ ގޮތަކަށް. އެއީ ގެ ބަދަލުވާން ޖެހުނަސް މި އިންޓަނެޓްގެ ހިދުމަތް އެކީގައި މޫވް ކޮށްލަންވީ އެއްވެސް ދައްޗަކާއި ނުލައި،" މިރުޝާން ވިދާޅުވި އެވެ.

އެލްޓީއީ ބްރޯޑްބޭންޑްގެ ޕެކޭޖްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ދިރާގުގެ ކޮންސިއުމާ މާކެޓް މެނޭޖާ ޖަނާ އިބްރާހިމް ވިދާޅުވީ، އެލްޓީއީ ބްރޯޑް ބޭންޑް ޕްރިޕެއިޑްކޮށް އަދި ޕޯސްޓްޕެއިޑްކޮށް ވެސް ބޭނުން ކުރެވޭނެ ކަމަށެވެ. އެ ހިދުމަތް ބޭނުން ކުރުމަށް ހަތަރު ޕްލޭނެއް ޖަނާ ވަނީ ވިދާޅުވެދެއްވައިފަ އެވެ.

  • 499 ރުފިޔާއަށް 25 ޖީބީ

  • 699 ރުފިޔާއަށް 50 ޖީބީ
  • 999 ރުފިޔާއަށް 100 ޖީބީ
  • 1499 ރުފިޔާއަށް 160 ޖީބީ

ޖަނާ ވިދާޅުވީ އެ ހުރިހާ ޕެކޭޖެއްގައި ވެސް ފެއާ އެލަވަންސް ލިބޭނެ ކަމަށެވެ. އެހެން ކަމުން ޕެކޭޖްގެ ޖީބީ ހަމަވުމުން ވެސް އިތުރަށް ކަސްޓަމަރުންގެ އަތުން ޗާޖު ނުކުރާނެ ކަމަށް ޖަނާ ވިދާޅުވި އެވެ.

ޖަނާ ވިދާޅުވީ، ޕްލޭނަށް ކަޑައެޅިފައިވާ ޖީބީ ހަމަވުމުން އިންޓަނެޓްގެ ހިދުމަތް ލަސްވާނެ ކަމަށެވެ. ނަމަވެސް ފަސް ޖީބީ އާއި 10 ޖީބީގެ ޑޭޓާ ބޫސްޓް ނަގައިގެން ހިދުމަތް އަލުން އަވަސްކުރެވޭނެ ކަމަށް ޖަނާ ވިދާޅުވި އެވެ.

ޕޯސްޕެއިޑް ޕެކޭޖްގެ ދަށުން އެ ހިދުމަތް ބެނުން ކުރަންބޭނުންވާ ފަރާތްތަކުން 12 މަސް ދުވަސް ވަންދެން ދިރާގުގެ އެ ހިދުމަތް ބެނުންކުރާނެ ކަމުގެ ކޮންޓްރެކްޓަކާ އެކު އެލްޓީއީ ބްރޯޑްބޭންޑް ރައުޓަރު ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.