ފިހާރައިގެ ސޭޓާ މީހަކު ކުރި ޒުވާބެއްގައި ފަރީދީމަގުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑެއް ތަޅާލައިފި އެވެ.

މިއަދު މެންދުރު 11:30 އެހާކަންހާއިރު ހިންގި ހާދިސާގައި ފަރީދީމަގުގައި ހުންނަ، "ސްޕާ ވެލިއު" ކިޔާ ފިހާރައެއްގައި ބިއްލޫރިގަނޑު ތަޅާލުމަށް ފަހު ފިލާފައި ވަނީ އެ ސަރަހައްދުގައި އުޅޭ ގްރޫޕެއްގެ މީހެއް ކަމަށް މަންޒަރުދުން މީހުން ބުންޏެވެ. "އެފްޑީއައި ސްޓޭޝަން" ކައިރީގައި ހުންނަ އެ ފިހާރައިގެ ސޭޓް ފުލުހުންނާ ވާހަކަ ދަކައްމުން ބުނީ އެ މީހާ ހުރީ "ބޮއިގެން" ކަމަށާއި އޭނާ ރުޅިގަދަވެގެން، ކުއްލިއަކަށް ފައިން ޖަހާ ފިހާރައިގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލީ ކަމަށެވެ. އަދި އެނާ ބިރުދައްކައި ހަދާފައިވާ ކަމަށް ސޭޓް ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ފިހާރައިގެ ސޭޓާ އެކު ކޮންމެ ވެސް ކަންތައްގަނޑެއް ]ހިންގައި[ ބިއްލޫރިގަނޑު ތަޅާލީ،" އޮފިޝަލް ވިދާޅުވި އެވެ.

ކޮންމެ ރޯދަމަހެއްގައި ވެސް، ވައްކަމާއި ފޭރުމުގެ މައްސަލަތް އިންތިހާއަށް އިތުރުވެގެންދެ އެވެ. އަދި އެފަދަ މައްސަލަތައް މަދުކުރުމަށް ޓަކައި ފުލުހުން މާލޭގައި ފޯރިމެރުގެ ހަރަކާތްތައް ފުލުހުން އިތުރު ކުރަމުންދެ އެވެ. އަދި ދަންވަރުގެ ވަގުތުތަކުގައި ގްރޫޕް ހަދައިގެން މަގުމަތީގައި އުޅޭ މީހުން ހުއްޓުވައި ފާސްކުރަމުންދެ އެވެ.