13 Dec 2017, 11:52
މ. ލައިޓްސިގްނަލް ގޭގައި މަރުވެފައި ތިއްބައި ފެނުނު ދެމަފިރިންގެ މަރަށް 11 މަސް ދުވަސް ފާއިތުވެގެން ދިޔައިރު އަދިވެސް އެ މަރުގެ ތަހުގީގު ނުނިމޭ ކަމަށް ފުލުހުން ބުނެފި އެވެ.
ދެމަފިރިން މަރުވެފައި ތިއްބާ ފެނުނީ މި އަހަރުގެ ޖެނުވަރީ މަހުގެ ހަތް ވަނަ ދުވަހު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ އަދިވެސް އެ ދެމަފިރިންގެ މަރުގެ ތަހުގީގު ކުރިއަށްދާ ކަމަށާއި މިވަގުތަށް އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.
"ތަހުގީގު ކުރިއަށްދަނީ. އެ މަރާ ގުޅޭ ގޮތުން އެއްޗެއް ބުނަން އެނގޭނީ ތަހުގީގު ނިމުމުން،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ޖެނުއަރީ 8، 2017: މާވެޔޮ މަގުގައި ހުރި މ. ލައިޓް ސިގްނަލް ގޭގެއިން މަރުވެފައި ތިބި ދެމަފިރިން ފެނުން: ވިލުފުއްޓަށް ނިސްބަތްވާ އެ ދެ މީހުންގެ ތެރެއިން އަންހެން މީހާގެ އުމުރަކީ 40 އަހަރެ. އަދި ފިރިހެން މީހާގެ އުމުރަކީ 50 އަހަރު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މަރުވެފައި ތިއްބާ ފެނުނު ތ. ވިލުފުށީ، ގާސިމް ޝާހިދު، 50 އަދި ރަޒީނާ އިބްރާހިމް، 40ގެ މަރާގުޅޭ ގޮތުން ފުލުހުން ކުރިން ބުނެފައި ވަނީ ދެމަފިރިންގެ ހަށިގަނޑުގެ ބޭރު ފުށުން އަނިޔާއެއް ލިބިފައިނުވާ ކަމަށާއި ބޮޑަށް ބެލެވެނީ މަރުވެފައި ވަނީ ގުދުރަތީ ގޮތުން ކަމަށެވެ.
މަރުވެފައި ތިއްބާ ފެނުނު ދެމަފިރިންގެ ހަށިގަނޑުން ސާމްޕަލް ނެގުމަށް ފަހު އެ ދެމަފިރިން ވަނީ އެއްވަޅެއްގައި ވަޅުލައިފަ އެވެ.
މަރުވިއިރު އެދެމަފިރިންގެ ގްރޭޑް އެކެއްގައި އުޅޭ އަންހެން ކުއްޖަކާއި ގްރޭޑް 10 ނިމިފައި ތިބި ދެ ފިރިހެން ކުދިން ތިއްބެވެ.