އަލް ބައިދާ (ޑިސެމްބަރު 13): ޔަމަނުގެ ޓީވީ ސްޓޭޝަނެއް ކަމަށްވާ 'ޔަމަން ޓުޑޭ'އަށް ހޫޘީ ހަނގުރާމަވެރިން ވަދެ، ހަތަރު މުވައްޒަފަކު މަރާލައި، އިތުރު މުވައްޒަފުންތަކެއް ރަހީނުކޮށްފި އެވެ.

އަލް އަރަބިޔާގައިވާ ގޮތުން ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސޯލިހްގެ އެސްޓޭޝަނަށް މީގެ ކުރިން ވެސް ހޫޘީން ވަނީ ވަދެ، އެޖަމާއަތުގެ ބަޔާނެއް ބްރޯޑްކާސްޓުކޮށްފަ އެވެ.

މީގެ ކުރިން ހޫޘީންނާ އެއްބައިވެ ސައުދީ އަރަބިއާއާ ދެކޮޅަށް ހަނގުރާމަ ކުރައްވަމުން ގެންދެވި ސޯލިހު، ސައުދީއާ މަޝްވަރާކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުމުގެ ސަބަބުން ހޫޘީން ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު އޭނާ އަވަހާރަކޮށްލައިފަ އެވެ.

ހޫޘީން ޔަމަނުގައި އޮތް އަބްދުއްރައްބު މަންސޫރު ހާދީގެ ވެރިކަން ވައްޓާލި ފަހުން އެޖަމާއަތާ ދެކޮޅަށް ސައުދީ އަރަބިއާ އިން 2015 ވަނަ އަހަރު ދޭން ފެށި ހަމަލާތަކުގައި ޔަމަނުން މިހާތަނަށް 12،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. (އަލް އަރަބިޔާ)