ސައުތު އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕް 2019 ރާއްޖޭގައި ބާއްވާގޮތަށް ސައުތު އޭޝިއަން އެތުލެޓިކްސް ފެޑެރޭޝަނުން ނިންމައިފިއެވެ.

އައްޑޫ އީކްއޭޓަރ ވިލެޖްގައި މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ސައުތު އޭޝިއާ އެތުލެޓިކްސް ފެޑެރޭޝަންގެ ކައުންސިލް ބައްދަލުވުމުގައި އެމުބާރާތް ރާއްޖޭގައި ބާއްވަން ނިންމީ ބައްދަލުވުމުގައި ބައިވެރިވި ހަ ގައުމުގެ އިއްތިފާގުންނެވެ. ކައުންސިލް ބައްދަލުވުމުގައި އަފްޣާނިސްތާން ނޭޕާލް ފިޔަވައި ސައުތު އޭޝިއާގެ ހުރިހާ ގައުމެއްގެ އެތުލެޓިކްސް ފެޑެރޭޝަންގެ މަންދޫބުން ބައިވެރިވިއެވެ.

ކައުންސިލް ބައްދަލުވުމުގައި ވަނީ އަންނަ އަހަރުގެ މާޗު މަހު ސައުތު އޭޝިއާ ކްރޮސްކަންޓްރީ ޗެމްޕިއަންޝިޕް ބޫޓާންގައި ބޭއްވުމަށާއި، ސައުތު އޭޝިއާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް ސްރީލަންކާގައި ބާއްވަންވެސް ނިންމިއެވެ.

މީގެ އިތުރުން ސައުތު އޭޝިއާ އެތުލެޓިކްސް ފެޑެރޭޝަންގެ އަސާސީ ގަވާއިދަށް ގެންނަން މެމްބަރުން ހުށަހެޅި ބަދަލުތަކާ މެދު މެމްބަރުން މަޝްވަރާކުރުމަށްފަހު، މާޗު މަހު ބޫޓާންގައި ބާއްވާ ސައުތު އޭޝިއާ ފެޑެރޭޝަން ކައުންސިލް ބައްދަލުވުމުގައި އަސާސީ ގަވާއިދު ފާސްކުރާގޮތަށްވެސް ވަނީ ނިންމާފައެވެ.