އިނގިރޭސި ގައުމީ ޓީމް ހޮލެންޑާއި ދެކޮޅަށް އަންނަ ބުދަ ދުވަހު ނުކުންނަ އެކުވެރިކަމުގެ މެޗަށް ޗެލްސީގެ މިޑްފީލްޑަ ފްރޭންކް ލަމްޕާޑް ރޯގާއާ ހެދި ގައުމީ ޓީމް ސްކޮޑުން ބާކީކޮށްފި އެވެ.

ޔޫރޯ 2012ގެ ކޮލިފައިންގައި ވޭލްސްކޮޅަށާއި ސްވިޒަލޭންޑްކޮޅަށް ޕެނެލްޓީ ކާމިޔާބުކޮށްދިން ފްރޭންކް ލަމްޕާޑް ހޯމަ ދުވަހު އިނގިރޭސި ގައުމީ ޓީމާ އެކު ފަރިތަކުރުންތަކުގައި ވެސް ބައިވެރިވެފައެއް ނުވެ އެވެ. ފަރުވާހޯދުމަށް ލަމްޕާޑް މިހާރު ވަނީ އެނބުރި ކްލަބަށް ފޮނުވާލާފަ އެވެ.

އިނގިރޭސި ގައުމީ ޓީމްގެ ކޯޗް ފައިބިއޯ ކަޕެއްލޯއަށް މިހާރު ވެސްވަނީ މުހިންމު ދެކުޅުންތެރިއެއް އަނިޔާގެ ސަބަބުން ބާކީކޮށްފަ އެވެ. އަނިޔާގެ ސަބަބުން ކެޕެއްލޯ ބާކީކޮށްފައި ވަނީ އާސެނަލްގެ ޒުވާން ތަރި ޖެކް ވިލްޝެޔާއާއި މެންޗެސްޓަރ ޔުނައިޓެޑްގެ ތަރި މައިކަލް ކެރިކްއެވެ. މިދެކުޅުންތެރިންގެ ބަދަލުގައި މެންޔޫގެ ޒުވާން މިޑްފީލްޑަރު ޓޮމް ކްލެވަލީވަނީ ސްކޮޑަށް ނަގާފަ އެވެ.

ފަހަކަށްއައިސް މެދުތެރޭގައި އާންމުކޮށް ޚަރަކާތްތެރިވަމުންދާ ލަމްޕާޑާއި ވިލްޝެޔާ ނެތްނަމަވެސް ވޯލްޑްކަޕްގެ ރަނަރަޕް ހޮލެންޑް ބަލިކުރެވޭނެކަމުގެ އުންމީދުބޮޑުކަމުގައި އިނގިރޭސި ގައުމީ ޓީމްގެ ކޯޗް ފަބިއޯ ކަޕެއްލޯ ގަބޫލުކުރެއެވެ.