މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބް ރައްޒާގު އަންނަ ހަފްތާ ތެރޭގައި ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް މެލޭޝިއާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މެލޭޝިއާގެ ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން ބޮޑުވަޒީރު ނަޖީބު ފުރަތަމަ ވަޑައިގަންނަވާނީ ލަންކާ އަށެވެ. އަދި އަންނަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން އަންގާރައާ ހަމައަށް ލަންކާގައި ހުންނެވުމަށް ފަހު ރާއްޖެއަށް ވަޑައިގަންނަވާނެ އެވެ.

އެބަޔާނުގައިވާ ގޮތުން ބޮޑުވަޒީރު ނަޖީބުގެ އެދަތުރުފުޅުގެ ސަބަބުން މެލޭޝިއާ އާއި ލަންކާއާ އަދި ރާއްޖެއާ ދެމެދު އޮންނަ ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނެ އެވެ.

ރައީސް އަބްދުﷲ ޔާމީނާއި އަނބިކަނބަލުން ފާތިމަތު އިބްރާހިމް ވަނީ ބޮޑުވަޒީރު ނަޖީބުގެ ދައުވަތަކަށް މިދިޔަ އަހަރު މެލޭޝިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ. އެދަތުރުފުޅުގައި ދެގައުމުން ވަނީ ޓެރަރިޒަމާ ގުޅުން ހުރި މައުލޫމާތުތަކާއި ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައިވާ މީހުންގެ މައުލޫމާތު ދެގައުމުގެ ދެމެދުގައި ހިއްސާކުރުމަށް އެއްބަސްވެފަ އެވެ.