13 Dec 2017, 02:17
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުން ވެސް ޖާގަ ހޯދައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގެ ތިންވަނަ މެޗުގައި މާޒިޔާގެ މައްޗަށް ޓީސީން ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. ޓީސީން ވަނީ މިއަހަރުގެ އެފްއޭ ކަޕްގެ ފައިނަލުގައި ވެސް ވާދަކޮށްފައެވެ.
ރޭ ކުޅުނު ޕްރެޒިޑެންޓްސް ކަޕްގެ ސެމީގެ މެޗުގައި ޓީސީން ކާމިޔާބުކުރި ލަނޑުތައް ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައެވެ. އެ މެޗުގެ 12 ވަނަ މިނެޓުގައި ޓީސީއަށް އީސާ އަލްމަގްރަބީ ލީޑު ހޯދައިދިން އިރު، މެޗުގެ 38 ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޚަލީލް ގަމާލްއެވެ.
މިއަހަރުގެ އެފްއޭ ކަޕެކޭ އެއްގޮތަށް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ވެސް ޓީސީ ނުކުންނަން ޖެހޭނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެފްއޭ ކަޕްގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ނިއު އިން ޗެމްޕިއަންކަން ހޯދި އިރު، ޕްރެޒިޑެންޓްސް ކަޕްގެ ސެމީގެ ފުރަތަމަ މެޗުގައި ވެސް ނިއު އަތުން ޓީސީ ބަލިވީ ޕެނަލްޓީއަށް ގޮސްގެންނެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަނުގައި އެންމެ ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވަނީ ވެސް ނިއުއާއި ޓީސީގެ ފަރާތުންނެވެ. ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ނިއުއިން ހޯދި އިރު، ލީގުގެ ދެ ވަނައިގައި ނިންމާލީ ޓީސީއެވެ. ނިއުއާއި ޓީސީއަކީ އަންނަ އަހަރުގެ އޭއެފްސީ ކަޕްގައި ވާދަކުރާނެ ރާއްޖޭގެ ދެ ޓީމެވެ.
ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ނިއުއާއި ޓީސީ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭ 9:00 ގައެވެ.