"ދަ ރޮކް"ގެ ނަމުން މަޝްހޫރު، އެމެރިކާ އެކްޓަރު ޑުވޭން ޖޯންސަން އަށާއި ލޯބިވެރިޔާ ލައުރެން ހަށިއަންއަށް އިތުރު އަންހެން ކުއްޖަކު ލިބެން އުޅޭކަން އިއުލާން ކޮށްފި އެވެ.

ޑުވޭންއަށް އިތުރު ކުއްޖަކު ލިބެން އުޅޭކަން އިއުލާން ކުރީ އިއްޔެ އޭނާ ކުރި އިންސްޓަގުރަމް ޕޯސްޓެއްގަ އެވެ.

މިމަހު ދެ އަހަރު ފުރުނު، ޑުވޭން އަދި ހަށިއަން އަށް ލިބުނު ފުރަތަމަ އަންހެން ދަރިފުޅު ޖޭސްމިން ލިއާގެ ފޮޓޯ އަކާ އެކު ކުރި ޕޯސްޓުގައި އަންހެން ކުއްޖަކު ލިބެން އުޅޭ ވާހަކަ ޑުވޭންގެ ފޭނުންނާ ހިއްސާކުރީ ވެސް ކުޑަކުޑަ ލިއާ އެވެ.

އެ ޕޯސްޓުގައި ޑުވޭން އިތުރަށް ބުނެފައި ވަނީ އޭނާ އާއި ލޯބިވެރިޔާއަށް ލިބެން އުޅޭ ނިއުމަތަށް އުފާކޮށް ޝުކުރުވެރިވާ ކަމަށެވެ. އަދި އަންނަ ސުޕްރިންގުގައި ދެވަނަ އަންހެން ކުއްޖާއަށް މަރުހަބާ ކިޔާނެ ކަމަށް ބުނެފައިވެ އެވެ.

ޑުވޭން އަށާއި ލޯބިވެރިޔާ ހަށިއަންއަށް ދެވަނަ ކުއްޖަކު ލިބެން އުޅޭއިރު، ޑުވޭންގެ ކުރީގެ އަންހެނުން ޑެނީ ގާސިއާއަށް ލިބިފައިވާ އަންހެން ކުއްޖަކު ހުރެ އެވެ.

ދެހާސް އަށް ވަނަ އަހަރު ވަރިވި އެ ދެމީހުންނަށް ލިބިފައިވާ ސިމޮން ގާސިއާ ޖޯންސަން ނަމަކަށް ކިޔާ އެ އަންހެން ކުއްޖާގެ އުމުރަކީ މިހާރު 16 އަހަރެވެ.