09 Aug 2011, 13:15
މެންޗެސްޓާ ސިޓީގެ އިނގިރޭސި ކީޕަރު ޖޯ ހާރޓް އެކްލަބުގައި އިތުރު ފަސް އަހަރު ދުވަހު މަޑުކުރުމަށް އެކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި އެވެ. މިއެއްބަސްވުމުގައި ހާރޓް ސޮއިކުރުމުން އޭނާ 2016 އާއި ހަމައަށް މެންސިޓީގައި މަޑުކުރާނެއެވެ.
ޝްރޫބެރީ ޓައުންއިން 2006 ވަނަ އަހަރު ހަ ލައްކަ ޕައުންޑަށް މެންސިޓީއާއި ގުޅުނު ކީޕަރު ހާރޓަށް ފުރަތަމަ އެގާރައިން ޖާގަ ލިބެންފެށީ މިދިޔަ ސީޒަނުން ފެށިގެންނެވެ. އޭގެކުރިން ހާރޓް ފެނިގެންދިޔައީ މެންސިޓީގެ ބެންޗުންނާއި ލޯންގެދަށުން އެހެން ކްލަބްތަކުންނެވެ. މެންސިޓީގެ ކުރީގެ އެއްނަމްބަރު ކީޕަރު ޝޭ ގިވަން ފަހަތަށް ޖައްސާލުމަށްފަހު މިދިޔަ ސީޒަންގައި އެކްލަބްގެ ފުރަތަމަ އެގާރައިން ހާރޓް ފެންނަމުންދެއެވެ.
"އިތުރު އެއްބަސްވުމެއްގައި މެންސިޓީއާއިއެކު އިތުރު ފަސްއަހަރަށް ސޮއިކުރެވުމުން ވަރަށް އުފާވެއްޖެ. އަހަރެންނަށް މެންސިޓީއަކީ އަމިއްލަ ސިޓީކަހަލަ ތަނެއް. އަހަރެން ޝްރޫބެރީއިން މެންސިޓީއަށް ސޮއިކުރީ އެއްނަމްބަރު ކީޕަރަށްވުމުގެ އަޒުމުގައި. އެކަން ކުރުމަށް މަސައްކަތްކޮށް ލޯންގެދަށުން އެހެން ކްލަބްތަކަށް ކުޅެ އިތުރު ތަޖުރިބާތަކެއް ހޯދާފައިވާނެ." ކީޕަރު ހާރޓް ބުންޏެވެ.
މެންސިޓީގެ ކުރީގެ އެއްނަމްބަރު ކީޕަރު ޝޭ ގިވަން މިދޔަ ސީޒަނަށްފަހުވަނީ އެސްޓަންވިލާއަށް ބަދަލުވެފައެވެ. ގިވަން އެސްޓަން ވިލާއަށް ބަދަލުވިނަމަވެސް މެންސިޓީގެ މިހާރުގެ އެއްނަމްބަރު ކީޕަރު ހާރޓްވަނީ ގިވަންއަށް ތަޢުރީފްކޮށްފައެވެ.
"އަހަރެން މިހާ މަސައްކަތްކުރަންޖެހުނީ ގިވަންއާއި ހެދި. އެއީ މޮޅު ކީޕަރެއްގެ އިތުރުން ގާތް އެކުވެރިއެއްވެސްމެ. އެސްޓަން ވިލާއަށް ބަދަލުވިނަމަވެސް އަބަދުވެސް އަހަރެން ގިވަންއާއި ވާހަކަދައްކާ އުޅޭނަން. އަހަރެން އަދިވެސް ގިވަން ކައިރިން ކަންތައްތައް ދަސްކުރާން. ޓީވީއިން ބަލައިގެންވެސް ގިވަންގެ ފަރާތުން އުނގެނޭނަން." ހާރޓް ބުންޏެވެ.