12 Dec 2017, 23:58
ފުވައްމުލައް ސިޓީގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ، މިރޭ 10:10 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކުރި އެ އެކްސިޑެންޓް ހިނގާފައިވަނީ ފުވައްމުލައް މައިލޯ ސްޓޭޑިއަމް ކައިރި ތާރު އެޅި މަގުގައި ފަސް ސައިކަލެއް ޖެހިގެން ކަމަށެވެ.
ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ. އެ ސަރަހައްދުގައި ހުރި ފުވައްމުލަކު މީހަކު ބުނީ، ބައެއް މީހުންގެ ބޯ ފަޅައިގެން ގޮސް ގިނަ އަދަދެއްގެ ލޭ ވެސް މަގުމަތީގައި ހުރި ކަމަށެވެ.
ޏ. އަތޮޅު ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ، މިރޭގެ އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ނަމަވެސް އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
ޏ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ފަރުޒާދު ސަން އަށް މިރޭ ވިދާޅުވީ، މިރޭ ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނު ބައެއް މީހުން އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.
އަދި އޭގެ ތެރެއިން އެކެއްގެ ބޮލަށް ޒަހަމް ތަކެއް ވެފައިވާއިރު ބޭރު ފުށުން ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.