12 Dec 2017, 22:46
ސްރީ ލަންކާގައި ގާއިމްކުރެވިފައިވާ، ޑިޕްލޮމެޓިކް މިޝަންސްތައް ތަމްސީލުކުރާ ޖަމާއަތް، (ކޮލަމްބޯ ޕްލޭން ކައުންސިލް)ގެ ކުރިއަށް އޮތް ދައުރު (2017/2018)ގެ ރިޔާސަތަށް ދިވެހިރާއްޖެ ހަމަޖައްސައިފިއެވެ.
ދިވެހިރާއްޖޭގެ ފަރާތުން އެ ކައުންސިލްގެ ރިޔާސަތާ ހަވާލުވެވަޑައިގަތީ، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙަންމަދު ހުސައިން ޝަރީފް (މުންދު) އެވެ.
ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ހުސައިން މާޒިން ވިދާޅުވީ، ކޮލަމްބޯ ޕްލޭން ކައުންސިލްގެ ރިޔާސަތު ދިވެހިރާއްޖެއާ ހަވާލުވީ މިއަދު ކޮލަމްބޯގައި ބޭއްވި އެ ޖަމާއަތުގެ ކައުންސިލްގެ 293 ވަނަ ސެޝަންގައި ކަމަށެވެ.
ކޮލަމްބޯ ޕްލޭން ކައުންސިލްގެ ރިޔާސަތުގެ އިތުރުން ސަފީރު މުޙަންމަދު ހުސައިން ޝަރީފަކީ މިހާރު އެ ޖަމިއްޔާގެ ކޮމިޓީ އޮން އެޑްމިނިސްޓްރޭޓިވް އެންޑް ފައިނޭންޝަލް މެޓާސްގެ ޗެއާރވެސް މެއެވެ.
ކޮލަމްބޯ ޕްލޭނަކީ ޖެނުއަރީ 1950 ވަނަ އަހަރު ކޮލޮމްބޯގައި ބޭއްވި ކޮންފަރެންސް އޮން ފޮރިން އެފެއާޒް އިން ދެކުނު އޭޝިއާ އާ ޕެސިފިކް ގައުމުތަކުގެ އިގްތިޞާދީ އަދި އިޖްތިމާއީ އަދި ތިމާވެށިގެ ކުރިއެރުމަށް މަސައްކަތް ކުރުމަށްޓަކައި އެކުލަވާލެވިފައިވާ ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ.
މި ޖަމިއްޔާގެ މަސައްކަތްތަކުގެ ތެރޭގައި، އަންހެނުންގެ ތަރައްގީއާއި ކުރިއެރުވުމުގެ ޚާއްޞަ ޕްރޮގްރާމްތަކާއި ދިގު މުއްދަތުގެ ތަމްރީން ޕްރޮގްރާމްތައް ހިމެނެއެވެ. މީގެ އިތުރުން ޑްރަގް އެޑްވައިޒަރީ ޕްރޮގްރާމަކީ އޭގެއިން ދިވެހިރާއްޖެއަށް މުހިންމު ފައިދާކެއް ކުރުވަނިވި ޕްރޮގްރާމްތަކެކެވެ.
ކޮލޮމްބޯ ޕްލޭން ކައުންސިލްގެ ރިޔާސަތު، މީގެ ކުރިން ތިން ފަހަރެއްގެ މަތީން ދިވެހިރާއްޖެއިން ބަލަހައްޓާފައިވެއެވެ. އެންމެ ފަހުން ރިޔާސަތު ބަލަހައްޓާފައިވަނީ 2004 އިން 2005 އަށް މިހާރުގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާޞިމެވެ.