މިމަހުގެ 19 ވަނަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ "ދިރާގު ޓީވީ ޕްރެޒެންޓްސް ދިވެހި ފިލްމް އެވޯޑް"ގެ ނޮމިނޭޝަންތައް މިރޭ އިއުލާނު ކޮށްފިއެވެ.

ނޮމިނޭޝަންތަކަށް ބަލާއިރު އެންމެ ވާދަވެރިވާނެ ކަމަށް ބެލެވޭ ފީޗާ ފިލްމުތަކުގެ ބައިން އެންމެ މޮޅު ބަތަލް އަދި ބަތަލާގެ ރޭހުގެ ކުރީގައި އުޅެނީ ޑާކްރެއިންގެ ތަރިންނެވެ.

އެގޮތުން ފިލްމު ވާށޭ މަށާއެކީ، އެންމެ ފަހު ވިންދާ ޖެހެންދެން އަދި ހުޅުދާން އިން މަރިޔަމް މަޖުދާ ވަނީ އެންމެ މޮޅު ބަތަލާގެ އެވޯޑަށް ނޮމިނޭޓްވެފައެވެ. މަޖުދާ އާއެކު މި އެވޯޑަށް ވާދަކުރަނީ ދިވެހި ފިލްމީ ދާއިރާގައި މިހާރު ހުރި އެންމެ ކާމިޔާބު އަދި ތަޖުރިބާކާރު އެއް ތަރި ނިއުމާ މުހައްމަދާއި ސާކް ރީޖަންގައި މިހާރު ހުރި އެންމެ ކުޅަދާނަ ބަތަލާ އާއިޝަތު ރިޝްމީ ރަމީޒެވެ. ނިއުމާ މި އެވޯޑަށް ނޮމިނޭޓްވީ ފިލްމު އާދޭސް އިންނެވެ. ރިޝްމީ އެވޯޑަށް ވާދަކުރަނީ މިކޮއި ބައްޕަ ބައެ ބައެ އިންނެވެ.

ފިލްމު އެވޯޑްސްގައި މިއީ މިފަހަރު އެންމެ ވާދަވެރިވާނެ ކަމަށް ބެލެވޭ އެއް ކެޓަގަރީއެވެ.

އެންމެ މޮޅު ބަތަލުންގެ ރޭހުގެ ކުރީގައި އުޅެނީ މިހާރު ދިވެހި ސިނަމާގެ އެންމެ އުއްމީދީ ބަތަލް މުހައްމަދު ޖުމައްޔިލް ނިމާލެވެ. އޭނާ މި އެވޯޑަށް ވާދަކުރަނީ ފިލްމު ވާށޭ މަށާ އެކީ އަދި އެންމެ ފަހު ވިންދާ ޖެހެންދެން އިންނެވެ. ފިލްމު އެވޯޑްސްގެ އެންމެ މޮޅު ބަތަލުންނަށް ދެން ވާދަކުރަނީ ފިލްމު ހުޅުދާން އިން ހަސަން މަނިކާއި، ވަފާތެރި ކެހިވެރިޔާ އިން އަލީ ސީޒަން އަދި 4426 އިން އިބްރާހިމް ޖިހާދެވެ.

އަންނަ ހަފްތާގައި ބޭއްވުމަށް ތާވަލް ކޮށްފައިވާ ފިލްމު އެވޯޑްސް ހަފްލާ އަކީ ކުލަގަދަ ހަފްލާ އަކަށް ވެގެންދާނެ ކަމަށް ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމްވަނީ މިއަދު ވިދާޅުވެފައެވެ. މިނިސްޓަރު ވަނީ މިފަހަރުގެ ފިލްމު އެވޯޑް ހަފްލާގައި ފިލްމީ ދާއިރާއިން ހާއްސަ އެވޯޑެއް ތައާރަފްކުރާނެ ކަންވެސް މިއަދު އިއުލާނު ކުރައްވައިފައެވެ.

އަށްވަނަ ދިވެހި ފިލްމު އެވޯޑް ހަފްލާގައި 2014 އިން 2016 އާއި ދެމެދު ނެރުނު 17 ފީޗާ ފިލްމާއި ހަތް ކުރު ފިލްމު ވަނީ ބައިވެރިކޮށްފައެވެ.