މިދިޔަ އަހަރު ބޭއްވި ހަތްވަނަ ގައުމީ ފިލްމު އެވޯޑްސް ނިމިގެން ދިޔައިރު އެންމެ ބޮޑު ހައިރާންކަމެއް ލިބުނު އެއް ކަމަކީ އެވޯޑްގައި ބައިވެރިކުރި އެއްވެސް ކުރު ފިލްމަކަށް އެވޯޑް ނުލިބުމެވެ. އަދި ކުރުފިލްމުތަކުގެ ބައިން އެއްވެސް ފިލްމެއް އެވޯޑަކަށް ނޮމިނޭޓްވެސް ނުވުމެވެ.

މިމަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަށްވަނަ "ދިރާގު ޓީވީ ޕްރެޒެންޓްސް ދިވެހި ފިލްމު އެވޯޑްސް"ގައި 2014 އިން 2016 ވަނަ އަހަރާއި ހަމައަށް ނެރެފައިވާ ކުރު ފިލްމުތަކުގެ ތެރެއިން އެވޯޑްގެ މިންގަނޑަށް ފެތޭ ފިލްމުތައް ވަނީ އެކި ދާއިރާ ތަކުން ނޮމިނޭޓް ވެފައެވެ. މިފަހަރުގެ އެވޯޑް ހަފްލާގައި ކުރު ފިލްމުގެ ކެޓަގަރީން އެވޯޑް ދޭނެއެވެ.

ކުރު ފިލްމުގެ ބައިން އެންމެ މޮޅު ފިލްމަށް ވާދަކުރަނީ ކަޝްފު، ފަރިހިބެ 4އަދި ވޫޑޫ އެވެ. މި ބައިން އެންމެ މޮޅު އެކްޓަރަކަށް ވާދަކުރަނީ ވޫޑޫ އިން އަބްދުﷲ ހުސައިން،ކަޝްފު އިން އިބްރާހިމް ޖިހާދު އަދިފަރިހިބެ 4 އިން މުހައްމަދު އަބްދުﷲއެވެ.

ކުރު ފިލްމުތަކުގެ ކެޓަގަރީން އެންމެ މޮޅު އެކްޓްރެސް އަކަށް ވާދަކުރަނީ ކަޝްފު އިން ފާތިމަތު ފަރީލާ، ފަރިހިބެ 4 އިން ފާތިމަތު އާޒިފާ އަދި13 އަށް ވިސްނާ 2000 އިން ނިއުމާ މުހައްމަދެވެ.

ފިލްމު އެވޯޑްސްގައި ކުރު ފިލްމުތަކުގެ ބައިން ޖުމްލަ އަށް ކެޓަގަރީ އަކުން އެވޯޑް ދޭނެއެވެ. އެއީއެންމެ މޮޅު ފިލްމު، އެކްޓަރު، އެކްޓްރެސްގެއިތުރުން ބެސްޓް ސަޕޯޓިން އެކްޓަރު އަދި އެކްޓްރެސް، ސިނަމޮޓޯގްރަފީ އަދިއެޑިޓިންގެ ބައިންނެވެ.

ފިލްމު އެވޯޑްގައި ބައިވެރި ކުރި ފިލްމުތަކަށް އިންސާފުކޮށްދެއްވީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ޖަޖުންގެ ޕެނަލަކުންނެވެ.

ޖަޖުންގެ ޕެނަލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:

  • އަލި މަނިކު

  • މުހައްމަދު ޝަރީފް
  • މުހައްމަދު ޝަމީމް
  • ޑރ އަޝްރަފް އަބްދުއްރަހީމް
  • އާމިލާ އާދަމް
  • ހުސައިން އިމްތިޔާޒް
  • ތައްޔިބު މުހައްމަދު

ފިލްމު އެވޯޑް ހަފްލާގައި ލައިފް ޓައިމް އެޗީވްމެންޓް އެވޯޑްވެސް ދޭނެއެވެ. މިއެވޯޑް ދެވޭނީ ފިލްމީ ދާއިރާއަށް ދިގު މުއްދަތަކަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާ ނުވަތަ މިހާރުވެސް ކުރަމުން ގެންދާ ފަރާތަކަށެވެ.