އަށްވަނަ ދިވެހި ފިލްމް އެވޯޑްސް، "ދިރާގު ޓީވީ ޕްރެޒެންޓްސް ދިވެހި ފިލްމް އެވޯޑްސް"ގެ ނަމުގައި މި މަހުގެ 19 ވަނަ ދުވަހުގެރޭ އޮންނާނެއެވެ.

މި ފަހަރުގެ ވޯޑުގައި 17 ފީޗާ ފިލްމު ވަނީ ބައިވެރިކޮށްފައެވެ. މިއީ 2014 ވަނަ އަހަރުން 2016 ވަނަ އަހަރާއި ހަމައަށް އުފައްދާފައިވާ ދިވެހި ފިލްމުތަކެވެ.

މިފަހަރުގެ އެވޯޑަށް ވާދަކުރާ ފަރާތްތަކުގެ ނަންތައް މިރޭ ވަނީ އިއުލާނުކޮށްފައެވެ. ފިލްމު އެވޯޑްގައި ބައިވެރި ކުރި ފިލްމުތަކަށް އިންސާފުކޮށްދެއްވީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ޖަޖުންގެ ޕެނަލަކުންނެވެ.

ޖަޖުންގެ ޕެނަލް

  • އަލި މަނިކު
  • މުހައްމަދު ޝަރީފް
  • މުހައްމަދު ޝަމީމް
  • ޑރ އަޝްރަފް އަބްދުއްރަހީމް
  • އާމިލާ އާދަމް
  • ހުސައިން އިމްތިޔާޒް
  • ތައްޔިބު މުހައްމަދު

މިފަހަރުގެ ފިލްމް އެވޯޑަށް ވާދަކުރާ ފީޗާ ފިލްމުތަކަށްބަލާއިރު އެންމެ ގިނަ ކެޓަގަރީން އެވޯޑް ތަކަށް ވާދަކުރަނީ ޑާކްރެއިން އެންޓަޓެއިންމެންޓްގެ ފިލްމު "ވާށޭ މަށާ އެކީ" އެވެ. 2016 ވަނަ އަހަރު ރިލީޒްކުރި މި ފިލްމު ވަނީ 21 ކެޓަގަރީ އަކުން 22 އެވޯޑަށް ނޮމިނޭޓްވެފައެވެ.

ފިލްމް އެވޯޑްސްގެ މުހިއްމު ނޮމިނޭޝަންތަކަށް ބަލާއިރު ފީޗާ ފިލްމުތަކުގެ ބައިން އެންމެ މޮޅު ފިލްމަށް ނޮމިނޭޓް ވެފައިވާ ފިލްމު ތަކަކީވާށޭ މަށާއެކީ، ހުޅުދާން، އަހްޝަމް، އެންމެ ފަހު ވިންދާ ޖެހެންދެންއަދި މިކޮއި ބައްޕަ ބައެ ބައެއެވެ.

ފީޗާ ފިލްމުތަކުގެ ބައިން އެންމެ މޮޅު އެކްޓަރަށް ވާދަ ކުރާ ތަރިންނަކީ

  • މުހައްދަދު ޖުމައްޔިލް ނިލާލް، ފިލްމު ވާށޭ މަށާ އެކީ

  • ހަސަން މަނިކު، ފިލްމު ހުޅުދާން
  • އަލީ ސީޒަން، ފިލްމު ވަފާތެރި ކެހިވެރިޔާ
  • އިބްރާހިމް ޖިހާދު، ފިލްމު 4426
  • މުހައްމަދު ޖުމައްޔިލް ނިމާލް، އެންމެ ފަހު ވިންދާ ޖެހެންދެން

ފީޗާ ފިލްމުތަކުގެ ބައިން އެންމެ މޮޅު އެކްޓްރެސް އަށް ވާދަ ކުރާ ތަރިންނަކީ

  • މަރިޔަމް މަޖުދާ، ފިލްމު ވާށޭ މަށާ އެކީ

  • މަރިޔަމް މަޖުދާ، ފިލްމު ހުޅުދާން
  • ނިއުމާ މުހައްމަދު، ފިލްމު އާދޭސް
  • މަރިޔަމް މަޖުދާ، ފިލްމު އެންމެ ފަހު ވިންދާ ޖެހެންދެން
  • އައިޝަތު ރިޝްމީ ރަމީޒް، ފިލްމު މިކޮއި ބައްޕަ ބަައެ ބައެ

މީގެ އިތުރުން ފީޗާ ފިލްމުތަކުގެ ބައިން އެންމެ މޮޅު ޑައިރެކްޓަރަށާއި، ސަޕޯޓިން އެކްޓަރު އަދި އެކްޓްރެސްގެ އިތުރުން އެންމެ މޮޅު އާ މޫނު (އަންހެން އަދި ފިރިހެން) އަށްވެސް އެވޯޑް ދޭނެއެވެ.

މި ކެޓަގަރީ އިން ދެން އެވޯޑް ދޭން ނިންމާފައިވަނީ އެންމެ މޮޅު ސިނަމޮޓޯގްރަފީ، ސްކްރީން ޕްލޭ، އެޑިޓިން، ބެކްގްރައުންޑް މިއުޒިކް، ސައުންޑް އެޑިޓިން، ސައުންޑް މިކްސިން، ވިޒުއަލް އެފެކްޓްސް، މޭކަޕް، ކޮސްޓިއުމް ޑިޒައިން، އާޓް ޑައިރެކްޝަން އަދި ކޮރެއޮގްރަފީގެ އިތުރުން އެންމެ މޮޅު ލަވަކިޔުންތެރިން (އަންހެން އަދި ފިރިހެން)، އޮރިޖިނަލް ސޯންގް އަދި ލިރިކްސް ގެ ބައިންނެވެ.

މި ކެޓަގަރީ ތަކުން ނޮމިނޭޓްވެފައިވާނަންތައްވެސް މިރޭ ވަނީ އިއުލާނު ކޮށްފައެވެ.