މުލަކު އަތޮޅުގައި އޮންނަ މެދުފުށި އައިލެންޑު ރިސޯޓުގެ ކުލި ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 2.7 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ، މީރާއިން ދައުވާ ކުރީ 1998 ވަނަ އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލީގެ ފައިސާ އާއި އެ ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ފައިސާ ހޯދުމަށް ކަމަށެވެ.

ހުކުމްގައިވާ ގޮތުން އެ ދައުވާގައި މީރާ އިން އެދިފައި ވަނީ ހަމައެކަނި ޖޫރިމަނާގެ ގޮތުގައި މިއަދާ ހަމައަށް އަރާފައިވާ ފައިސާ ހޯދުމަށެވެ. ނަމަވެސް އެއީ ކޮން ދުވަހަކުން ފެށިގެން ދައްކަން ޖެހޭ ފައިސާ ނުދެއްކުމުގެ ކުލިކަން އެ ހުކުމުން އެނގޭކަށް ނެތެވެ.

އެ ހުކުމްގައި ވަނީ މިއަދާ ހަމައަށް ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 2،677،298.80 ޑޮލަރަކީ އެރިސޯޓު ހިންގާ ކުންފުނީގެ ފަރާތުން ދިވެހި ދައުލަތަށް ލިބެން ޖެހޭ ފައިސާކަން، ހުށަހެޅިފައިވާ ލިޔުންތަކުންނާއި ދެފަރާތުގެ ބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި އެފައިސާ މީރާއަށް ދައްކައި ޚަލާސްކުރުމަށް މެދުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އެ ހުކުމްގައި ވަނީ އަންގާފަ އެވެ.