އަންނަ އަހަރު ބާއްވާ ރަޝިއާގެ ރިޔާސީ އިންތިހާބަށް އަމާޒުކޮށް ދޭން ރާވަމުންދިޔަ ޓެރަރިސްޓު ހަމަލާއެއް އެގައުމުގެ ފެޑެރަލް ސެކިއުރިޓީ ސާވިސަސް (އެފްއެސްބީ)އިން ނާކާމިޔާބު ކޮށްލައިފި އެވެ.

އެފްއެސްބީގެ ޑިރެކްޓަރު އަދި ރަޝިއާގެ އެންޓި ޓެރަރިސްޓު ކޮމެޓީގެ އިސްވެރިޔާ އެލެކްސެންޑުރާ ބޯޓިކޯ ވިދާޅުވީ، ޖާނު ގޮއްވާލުން ފަދަ ޓެރަރިސްޓު ހަމަލާތައް އަމާޒު ކުރަމުން ދިޔައީ އަންނަ މާޗް މަހު އެގައުމުގައި ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބަށާއި އަންނަ އައު އަހަރުގެ ޗުއްޓީއާ ދިމާކޮށް ކަމަށެވެ.

ނާކާމިޔާބު ކޮށްލި ހަމަލާތަކާ ގުޅިގެން އެފްއެސްބީން ފަހުން ނެރުނު ބަޔާނެއްގައި ބުނީ އެ ހަމަލާތައް ދޭން ރާވަމުންދިޔައީ އިސްލާމިކް ސްޓޭޓް (އައިއެސް)އަށް ވާގިވެރިވާ ގުރޫޕަކުން ކަމަށެވެ.

އަދި އެ މައްސަލާގައި މެދުތެރޭ އޭޝިއާގެ ގައުމުތަކަށް ނިސްބަތްވާ ތިން މީހަކު ހައްޔަރު ކޮށްފައިވާއިރު އެމީހުންގެ އަތުން އޭކޭ-47 އެސޯލްޓު ރައިފަލްގެ ދެ ބަޑި އަދި ގޮވާ ޒާތުގެ އާލާތްތައް އަތުލައިގަތްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ރަޝިއާ ސިފައިން ވަނީ މިއަހަރުގެ ތެރޭގައި ހަނގުރާމަވެރި 78 މީހަކާއި އެމީހުން ރާވަމުންދިޔަ ހަމަލާތައް ނާކާމިޔާބު ކޮށްލައިފައެވެ. އަދި އެ ހަމަލާތަކާ ގުޅުން ހުރި 1000 އަށްވުރެ ގިނަ މީހުން ރަޝިއާގައި ހައްޔަރު ކޮށްފައިވެއެވެ.

ޓެރަރިޒަމާ ގުޅުންހުރި ހަރަކާތްތަކުގައި ބައިވެރިވާން އުޅޭ ކަމުގެ ތުހުމަތުގައި 17،500 އަށްވުރެ ގިނަ ބިދޭސީން ރަޝިއާއަށް ވަނުން ވަނީ މަނާ ކޮށްފައިވެސްވެއެވެ.

އޭގެ އިތުރުން މިއަހަރު އެކަނި ވެސް ރަޝިއާގައި ދޭން އުޅުނު 18 ހަމަލާއަކާއެކު ޓެރަރިޒަމާ ގުޅުންހުރި 60 އަށްވުރެ ގިނަ ރޭވުންތައް ރަޝިއާގެ ސިފައިން ވަނީ ކާމިޔާބު ކޮށްލައިފައެވެ.

ރަޝިއާގެ ރިޔާސީ އިންތިހާބާ ދިމާކޮށް އެގައުމުގައި ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބު ކޮށްލާފައިވާއިރު، ސީރިއާގައި ހަރަކާތްތެރިވަމުން އަންނަ ރަޝިއާ ސިފައިން އެ ގައުމުން ފޭބުމަށް އެގައުމުގެ ރައީސް ވުލަޑިމިއާ ޕުޓިން ވަނީ ނިންމަވައިފައެވެ.