12 Dec 2017, 18:03
ބަޣްދާދު(12 ޑިސެމްބަރު): އިރާގުގައި ހައްޔަރުކުރެވޭ ހަނގުރާމަވެރީންގެ ތެރެއިން ގިނަ މީހުންނަކީ ސައުދީގެ ރައްޔިތުންކަމަށް ރިޕޯޓެއްގައި ބުނެފިއެވެ.
ލަންޑަންގެ ނިއު އަރަބި ނިއުސްއިން އިރާގުގެ އިންޓީިރިއާ މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ވަނީ، އައިއެސް ނައްތާލުމަށް ހިންގި ހަނގުރާމައިގައި ހައްޔަރުކުރި ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުންގެ އަދަދު 400އަށް އަރާކަމަށެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ޔޫރަޕާއި، އަރަބި އަދި އޭޝިއާގެ ގައުމުތަކުގެ މީހުން ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ.
އިންޓީރިއާގެ އޮފިޝަލް ވިދާޅުވީ ހައްޔަރުކުރެވުނު މީހުންގެ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅެނީ ސައުދީއަރަބިއްޔާ ކަމަށެވެ. އެގޮތުން ސައުދީގެ 51 މީހަކު ހައްޔަރުކުރެވުނު ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
ހައްޔަރުކުރެވުނު މީހުންގެ ގައުމުތަކުގެ ލިސްޓުގައި މޮރޮކޯ، މިސްރު، އުރުދުން، ލުބްނާން، ސީރިއާ، ޗެޗްނިޔާ، ތުރުކީ، ތަޖިކިސްތާން އަދި ޕާކިސްތާނު ހިމެނެއެވެ.
އިރާގުގެ ޕާލިމަންޓް މެމްބަރެއް ކަމަށްވާ މަންސުރު އަލް ބައިޖީ ވިދާޅުވީ، ހައްޔަރުކުރެވުނު މީހުން އެމީހުން ނިސްބަތްވާ ގައުމުތަކަށް ހަވާލު ނުކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ޓެރެރިސްޓުން ވަނީ އިރާގުގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ދީފައިކަމަށާއި، އެހެންކަމުން އެމީހުންގެ ޝަރީއަތް ހިންގާނީ އިރާގުގައި ކަމަށެވެ.
އައިއެސްއާ ދެކޮޅަށް ސީރިއާއާއި އިރާގުން ކުރި ހަނގުރާމައިގައި ސައުދީން އެފަދަ ޖަމާއަތްތަކަށް މާލީ ގޮތުންނާއި ހަތިޔާރު ފޯރުކޮށްދިން ކަމަށް ވަރަށް ބޮޑަށް އަޑުއަރައިފައި ވެއެވެ. ގަތަރުގެ ކުރީގެ ބޮޑުވަޒީރު ހަމަދު ބިން ޖާސިމް ވިދާޅުވީ، ސިރިއާގައި ހަރަކާތްތެރިވާ ހައްދު ފަހަނަ އަޅައިފައިވާ ޓެރެރިސްޓު ގްރޫޕްތަކަށް ހަތިޔާރާއި ހަނގުރާމަވެރިން ފޯރުކޮށްދިނުމުގައި ގަތަރުގެ އިތުރުން ސައުދީން ވެސްއެހީވިކަމަށެވެ.
އައިއެސްއާ ދެކޮޅަށް ކުރި ހަނގުރާމަ ކާމިޔާބު ކަމާއެކީ ނިންމައިލިކަން އިރާގުގެ ބޮޑުވަޒީރު ހައިދަރު އަލް އަބާދީ، މީގެ ދެދުވަސް ކުރިން ވަނީ އިއުލާން ކުރައްވައިފައެވެ.
މަސްދަރު: ޕްރެސްޓީވީ