12 Dec 2017, 17:47
ސައިކަލެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން ހަތުގީގު ކުރަމުންދާ މި މައްސަލައާ ގުޅިގެން ހޯދަން ބޭނުންވާ މީހުންގެ ފޮޓޯ ފުލުހުން ވަނީ އާންމުކޮށްފައެވެ.
ސައިކަލު ވަގަށް ނަގާފައިވަނީ ކޮން ސަރަހައްދަކުން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް ސަންއަށް އެނގިފައިވާ ގޮތުގައި އެ ސައިކަލް ގެއްލިފައި ވަނީ، ގާކޮށި ފްލެޓް ކައިރިންނެވެ.
ފަހަކަށް އައިސް ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަ ކުރެވެއެވެ.
މިއަހަރުގެ މިހާތަނަށް ވައްކަމުގެ 638 މައްސަލަ އަދި އެއްޗެހި ގެއްލިގެން 1573 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށް އެ އިދާރާގެ ތަފާސް ހިސާބުތައް ދައްކައެވެ.
ހޯދަން އިއުލާނު ކޮށްފައިވާ ދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.