12 Dec 2017, 18:15
ޕާކިސްތާނުން ސައުދީއާ އެއްބައިވެ ގަތަރާ ދެކޮޅަށް ތެދުވުމަށް އެގައުމުގެ ކުރީގެ ރައީސް ޖެނެރަލް ޕަރުވޭޒް މުޝައްރަފް ގޮވާލައްވައިފިއެވެ.
އަރަބި ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މުޝައްރަފް ވިދާޅުވީ، ޕާކިސްތާނުން ހާރިޖީ ސިޔާސަތު ބަހައްޓާ ގޮތާ ދޭތެރޭ ވަރަށް ބޮޑު ހައިރާންކަމެއް ލިބިފައިވާ ކަމަަށާއި އަދި ސައުދީއަކީ އަބަދުވެސް ޕާކިސްތާނުގެ ގާތް އެކުވެރިއެއް ކަމަށެވެ. ޕާކިސްތާން އޮންނަން ޖެހޭނީ އަބަދުވެސް ސައުދީއާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.
" ގަތަރާ ސައުދީއާ ދޭތެރޭ ޖެހުނު މައްސަލައިގައި ޕާކިސްތާނުން އަމަލުކުރި ގޮތާ ދޭތެރޭ އަޅުގަނޑު މިހިރީ އަންތަރީސްވެފައި. ގަތަރަކީ ޕާކިސްތާނުގެ ރައްޓެެއްސެއް ނޫން. އެކަން މާޒީން ވެސް އެނގޭ. ސައުދީއާ ޔޫއޭއީއަކީ އަބަދުވެސް ޕާކިސްތާނުގެ ޒަމާންވީ އެކުވެރިން. އެދެގައުމާ ދެކޮޅަށް އަޅުގަނޑުމެން ދުވަހަކުވެސް ތެދުވެގެން ނުވާނެ،" މުޝައްރަފް ވިދާޅުވިއެވެ.
މުޝައްރަފް ވިދާޅުވީ، ޕާކިސްތާނުގެ ވެރިކަމުގައި ތިއްވެބި ބޭފުޅުން އިސްކަންދެނީ އެ ބޭފުޅުން ގަތަރާއެކު އޮންނަ އަމިއްލަ ވިޔަފާރީގެ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށެވެ. އަދި ސައުދީއާ ޕާކިސްތާނުގެ ގުޅުމުގެ ސަބަބުން ލިބޭ ހަގީގީ ފައިދާއާ މެދު ނުވިސްނާކަމަށެވެ.
" އެއީ އެބޭފުޅުންގެ ފުރިހަމަ ބޭނުންކަމަށް ވަންޏާ މާތް ކަލާނގެ ޕާކިސްތާނު ސަލާމަތްކޮށްދެއްވާށި،" މުޝައްރަފް ވިދާޅުވިއެވެ.
ސައުދީއާ ޕާކިސްތާނުގެ ގުޅުން ހީނަރުވެގެން ދިޔަ ދަނޑިވަޅުގައި، ސައުދީގެ ދުޝަމަނު އީރާނާއި ޕާކިސްތާނާ ގުޅުން ވެސް ފަހަކަށް އައިސް ދަނީ ވަރަށް ބޮޑަށް ބަދަހިވަމުންނެވެ.
ޕާކިސްތާނުގެ ހާރިޖީ ސިޔާސަތުތައް ބައްޓަންކުރުމުގައި ވެސް ދަނީ އިރާނު ރުއްސައިގެން އެކި ގައުމުތަކާ ގުޅުންތައް ބާއްވަމުންނެވެ. އެގޮތުން ސައުދީން ޔަމަނާ ދެކޮޅަށް ކުރާ ހަނގުރާމުގައި ޕާކިސްތާނުގެ ސިފައިން ފޮނުވަން އެދުމުން ޕާކިސްތާނުން ވަނީ އެކަމަށް ދެކޮޅުހަދައިފައެވެ.
ޕަރުވޭޒް މިހާރު ދުބާއީގައި ދިރިއުޅުއްވަމުން ދާއިރު އެމަނިކުފާނު މިހާރުވެސް ގެންދަވަނީ އަމިއްލަ ޕާޓީއެއް ކަމަށްވާ އޯލް ޕާކިސްތާން މުސްލިމް ލީގް ހިންގަވަމުންނެވެ.
އެމަނިކުފާނާ ދެކޮޅަށް މިހާރުވެސް ޕާކިސްތާނުގެ ކޯޓުތަކުގައި ދަނީ ވަރަށް ގިނަ މައްސަލަތަކެއް ހިނގަމުންނެވެ.