12 Dec 2017, 17:45
ގުދުސަކީ އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ބަލައިގަތުމަކީ މުސްލިމުން އެކަތިގަނޑަކަށްވެ އިސްރާއިލް ނެތިދިޔުން އަވަސްވެގެން ދާނޭކަމެއް ކަމަށް އިރާނުގެ ޑިފެންސް މިނިސްޓަރު ޖެެނެރަލް އާމިރު ހަތާމީ ވިދާލުވެއްޖެއެވެ.
އާމިރު ވިދާޅުވީ، އެމެރިކާގެ އެ ނިންމުމުގެ ސަބަބުން މެދުއިރުމަތީގައި ހަމަނުޖެހުންތައް އިތުރުވަމުންދާ ކަމަށާއި އަދި އެ ސަރަހައްދުގައި ލޭ އޮހޮރުންތައް ފެށިގެންދާނެ ކަމަށެވެ.
"އިސްރާއިލަށްވެސް އެނގޭ އެމީހުން ގާނޫނުތައް މުގުރައި ކުރަމުންދާ އަަމަލުތަކުގެ ސަބަބުން ގުދުސަށް ބަދަލެއް ނުގެނެވޭނެކަން. އޭގެ ސަބަބުން ދުނިޔޭގައި ސުލްހައަށް ލޯބިކުރާ ފަރާތްތަކާއި އަދި ފަލަސްތީނުގެ މީހުން، ފަލަސްތީނުގެ ބިންތައް މިނިވަންކުރުމަށް އެކަތިގަނޑަކަށް ވާނެކަން،" އާމިރު ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ، އިރާނުން އަބަދުވެސް ތިބޭނީ ފަލަސްތީނާއެކު ކަމަށާއި، އަބަދުވެސް އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކޮށް މެދުއިރުމަތީގެ ހަމަޖެހުމަށް އިސްކަންދޭނެ ކަމަށެވެ.
މިފަހަކަށް އައިސް އިސްރާއިލާ، އެމެރިކާއިން ކުރިއަށްގެންދާ މިފަދަ ކަންކަމުގެ ސަބަބުން، އެ ދެގައުމާ އީރާނާ ދެމެދު ވަނީ ވަރަށް ބޮޑަށް ގުޅުން ގޯސްވެފައެވެ. އިސްރާއިލުން ތުހުމަތުކުރާގޮތުގައި އިރާނުން ދަނީ އިސްރާއިލް ނައްތާލުމަށްޓަކައި ނިއުކުލިއާ ހަތިޔާރު އުފެއްދުމަށް ތައްޔާރުވަމުންނެވެ. އަދި އިރާނުން ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާއި އަދި ފަލަސްތީނުގެ ހަމާސް ޖަމާއަތަށް އެހީފޯރުކޮށްދިނުމަކީ އިސްރާއިލުން ވަރަށް ރުޅިއަންނަ ކަމަކެވެ.
އިރާނުގެ ނިއުކުލިއާ ޕްރޮގްރާމުގެ މައްސަލައިގައި އެމެރިކާއާ އިރާނާ އެއްބަސްވުން ގާއިމްކޮށްފައިވާތީވެ، އިސްރާއިލުން ވަނީ އެކަމާ ވަރަށް ބޮޑަށް ދެކޮޅުހަދައިފައެވެ.