މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާއި ޗައިނާ ބޭންކިން ރެގިއުލޭޓަރީ ކޮމިޝަން (ސީބީއާރްސީ) އާ ދެމެދު ބޭންކިންއާ ބެހޭ މައުލޫމާތު ހިއްސާކުރުމާ ބެހޭ ގޮތުން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޗައިނާގެ ވެރިރަށް ބެއިޖިންގެ ގްރޭޓް ހޯލް އޮފް ޕީޕަލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެއްބަސްވުމުގައި އެމްއެމްއޭގެ ފަރާތުން ސޮއިކުރެއްވީ ގަވަރުނަރު އަހުމަދު ނަސީރެވެ. އަދި ސީބީއާރްސީގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން ގުއޯ ޝުކިންގް އެވެ.

އެމްއެމްއޭއިން ބުނީ އެ އެއްބަސްވުމުގައި މައިގަނޑު ގޮތެއްގައި ހިމެނިފައިވާ ކަންކަމުގެ ތެރޭގައި، ޗައިނާގެ ބޭންކަކުން ރާއްޖޭގައި ބޭންކިންގެ ވިޔަފާރިކުރުމަށް ނުވަތަ ރާއްޖޭގެ ބޭންކަކުން ޗައިނާގައި ވިޔަފާރިކުރުމަށް ނަގަން ޖެހޭ ލައިސަންސް ނެގުމުގެ މަރުހަލާގައި ކަމާބެހޭ މައުލޫމާތު ދެ ފަރާތް ދެމެދު ބަދަލުކޮށް ލައިސެންސް ދިނުމުގެ ކަންކަން ފަސޭހަކުރުން ހިމެނޭ ކަމަށެވެ.

އެއް ގައުމުގެ ބޭންކެއް އަނެއް ގައުމެއްގައި ގާއިމުކޮށްފި ނަމަ ކްރޮސް ބޯޑާ ބޭންކިން ސުޕަވިޝަން ހަރުދަނާކުރުމަށް މައުލޫމާތު ބަދަލުކުރެވޭނެ މިންވަރާއި، އުސޫލްތަކާއި މައުލޫމާތު ބަދަލުކުރެވޭނެ ގޮތުގެ ތަފުސީލް ވެސް އެ އެެއްބަސްވުމުގައި ހިމެނޭކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއޯޔޫގައި ސޮއިކުރައްވާފައިވަނީ، ފާއިތުވި ހަފުތާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައެވެ.

އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ޗައިނާގެ ރައީސް ހިޒް އެކްސެލެންސީ ޝީޖިންޕިންގ ބައިވެރިވެވަޑައިގެންނެވިއެވެ.