ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސް، މަރާލި ކަމުގެ ތުހުމަތުގައި ދައުވާ އުފުލި ކުޑަކުއްޖާ އެދައުވާ އަށް އިންކާރުކޮށްފިއެވެ.

މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ އިތުރު ބަޔަކާ ބައިވެރިވެގެން އަނަސް މަރާލި ކަމުގެ ތުހުމަތުގައި ދައުވާ އުފުލި ކުއްޖާގެ އުމުރަކީ 17 އަހަރެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ބޭއްވި އަޑުއެހުމުގައި ގާނޫނީ ވަކީލުގެ ހާޒިރުގައި އެކުއްޖާ ދައުވާއަށް އިންކާރުކޮށްފައިވާ ކަމަށެވެ.

"އެކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ. އެ ދައުވާއަށް އެ ކުއްޖާ ވަނީ އިންކާރުކޮށްފައި،" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ އެކުއްޖާގެ ގާނޫނީ ވަކީލުގެ އެދިވަޑައިގަތުމަށް ތަފްސީލީގޮތެއްގައި ދައުވާއަށް ޖަވާބުދާރީވާން ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

"ދެން އެ މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ ކުރީކޮޅު،" އޮފިޝަލް ވިދާޅުވިއެވެ.

އަނަސްގެ މަރާގުޅިގެން 18 އަހަރުން މަތީގެ ހަތް މީހަކަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އެމީހުންނަށް ވަނީ ވަކީލަކު ހަމަޖައްސަން ފުރުސަތުދީފައެވެ.