އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މައްޗަށް ތުހުމަތުކޮށްފައިވާ އެތަކެއް އަންހެނުންނަކަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތުތައް ތަހުގީގު ކުރުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖުލީހުގެ 56 އަންހެން މެމްބަރަކު ގޮވާލައްވައިފި އެވެ.

ޑިމޮކްރެޓިކް ޕާޓީ އަށް ނިސްބަތްވާ، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ކަމަށްވާ އެލީޖާ ކަނިންގްހަމް އަދި ޓްރޭ ގައުޑޭ، ޓްރަމްޕްގެ މައްޗަށް މިނިވަން ތަހުގީގެއް ހިންގުމަށް އެދި ސިޓީއެއް ވަނީ ފޮނުވައިފަ އެވެ.

އަދި އެ މައްސަލަ ސަމާލު ކަމަށް ގެނައުމުގެ ގޮތުން އެ މެމްބަރުން މިއަދު ވަނީ ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ވެެސް ނިންމައިފަ އެވެ.

އެމެމްބަރުން މިނިވަން ތަހުގީގެއް ކޮށްދިނުމަށް ގޮވާލީ، ޓްރަމްޕް ޖިންސީ ގޯނާކުރި ކަމަށް ބުނެ އެތަކެއް އަންހެނުންތަކެއް އެ ވާހަކަ ފެންމަތިކުރި ދަނޑިވަޅެއްގަ އެވެ.

ޓްރަމްޕް ޖިންސީ ގޯނާކުރި ކަމަށް ރިޔާސީ އިންތިހާބު ދުވަސްވަރު ވެސް ވަރަށް ބޮޑަށް އަޑުތައް ފެތުރުނެވެ. އެމެރިކާގެ ވޮޝިންގްޓަން ޕޯސްޓު ނޫހުން ވަނީ އެދުވަސްވަރު ޓްރަމްޕް ޖިންސީ ގޯނާކުރި ކަމަށް ބުނެ އެ ވާހަކަތައް ދައްކާ އޯޑިއޯއެއް ވެސް ލީކުކޮށްލައިފަ އެވެ.

ޓްރަމްޕް ވަނީ އެފަދަ ގޮތަކަށް ވާހަކަތައް ދެއްކިފައިފައިވާތީވެ، މާފަށް އެދިފަ އެވެ. ޓްރަމްޕް ވިދާޅުވީ އެއީ ސީރިއަސްކޮށް ދެއްކި ވާހަކައެއް ނޫން ކަމަށާއި ފިރިހެނުން އެހެން މަޖަލަށް ވާހަކަ ދައްކާ އިރު ދެކެވުނު ވާހަކައެއް ކަމަށެވެ.

ޓްރަމްޕާ ދެކޮޅަށް ނިކުތް މެމްބަރުން ވިދާޅުވީ ޓްރަމްޕާ މެދު ކޮށްފައިވާ ތުހުމަތުތަކަކީ ހަގީގަތެއް ކަމަށް ހުދު ޓްރަމްޕްގެ އަމިއްލަ އަގައިން ވިދާޅުވެފައިވާ ކަމަށެވެ.

ޓްރަމްޕްގެ މައްޗަށް ޖިންސީގޯނާގެ ތުހުމަތުކޮށްފައިވާ ދަނޑިވަޅު، އެމެރިކާގައި އެތަކެއް ސިޔާސީ މީހުންނާއި ހޮލީވުޑްގެ ގިނަ ބަޔަކު އެފަދަ ތުހުމަތުތަކާ ހުރެ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

އެމެރިކާގެ ކުރީގެ ރިޔާސި ކެންޑިޑޭޓް ބާނީ ސެންޑާސް ވަނީ ޓްރަމްޕް އިސްތިއުފާ ދިނުމަށް ގޮވައިލައްވައިފަ އެވެ.

އެމެރިކާ އިން އދ. އަށް ކަނޑައަޅާފައި ހުންނަ ކެންޑިޑޭޓް، ނިކީ ހާލޭ ވިދާޅުވީ ޓްރަމްޕް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރި އަންހެނުންގެ އަޑު އިވެންޖެހޭނެ ކަމަށެވެ. އެ މައްސަލާގައި ޓްރަމްޕް ހުންނެވީ ނިކީއާ ދޭތެރޭ ވަރަށް ބޮޑަށް ކޯފާވެފައި ކަމަށް ޓްރަމްޕްގެ އަރިސް ދެ މީހަކާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް އިން ބުންޏެވެ.